ކާމިޔާބީއަކީ ކޮންމެ އިންސާނަކުވެސް އެދޭނެ އެންމެ މަތިވެރި ނަތީޖާއެވެ. ދުނިޔަވީ ހަޔާތުގައްޔާއި އާހިރަތުގެ ބާއްޖަވެރިކަމުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ފަތިސް ނަމާދުން ދުވަސް ފެށުމެވެ. ފަތިސް ނަމާދަކީ ހަމައެކަނި އަޅުކަމެއް ނޫނެވެ. އެއީ މީހާގެ މުޅި ދުވަހުގެ ތަރުތީބާއި، ނަފްސާނީ ދުޅަހެޔޮކަމާ އަދި ކާމިޔާބީގެ ބިންގަލެވެ.
ކާމިޔާބު މީހަކަށް ވުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ މާތް ﷲ ގެ ހިމާޔަތާއި ރައްކާތެރިކަމެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ފަތިސް ނަމާދުކޮށްފި މީހާވަނީ ﷲ ގެ އަހުދުކަށަވަރާއި ހިމާޔަތުގެ ދަށުގައެވެ." މުޅި ދުވަހުގެ މަސައްކަތްތަކުގައި ބަރަކާތްލައްވާ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި މިއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް އޮންނާނެ ހެއްޔެވެ؟ ﷲގެ ހިމާޔަތުގައި ހުރެ މަސައްކަތް ފަށާ މީހަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނަސް އެކަމުން އަރައިގަތުމުގެ ހިތްވަރު ލިބިގެންދެއެވެ.
ވަގުތުގެ ބަރަކާތާއި އުުފެއްދުންތެރިކަން އިތުރުވުން
ފަތިސް ނަމާދަށް ހޭލާ މީހާއަށް ދުވަހުގެ އެންމެ ބަރަކާތްތެރި ވަގުތު ލިބެއެވެ. އިރުއެރުމުގެ ކުރިން ހޭލާ ނަމާދުކޮށް ދުވަހުގެ މަސައްކަތްތައް ރޭވުމަކީ ކާމިޔާބު މީހުންގެ އާދައެކެވެ. ރަސޫލާ صلى الله عليه وسلم ވަނީ އުންމަތުގެ ހެނދުނުގެ ވަގުތުގައި ބަރަކާތް ލެއްވުމަށް އެދި ދުއާކުރައްވާފައެވެ. ފަތިހު ހޭލުމުން ސިކުނޑި ތާޒާވެ، މަސައްކަތްތަކަށްދޭ ސަމާލުކަން އިތުރުވެއެވެ. މިއީ ދުނިޔަވީ ގޮތުން ބެލިޔަސް އުފެއްދުންތެރިކަން އިތުރުކޮށްދޭ އެންމެ މުހިންމު ސިފައެވެ.
މިކަމުގެ ސަބަބުން އާއިލީ ޒިންމާތަކާއި، ވަޒީފާތަކާއި އެހެނިހެންވެސް ކަންކަމަށް ދެވޭ ސަމާލުކަން އިތުރުވެ، އެކަންކަމުން ނެރެން ބޭނުންވާ އެންމެ އެދެވޭ ނަތީޖާއާއި ހަމައަށް ވާސިލުވުމަށްވެސް އެހީއަކަށް ވެދެއެވެ.
ނަފްސާނީ ހަމަޖެހުމާއި ކެތްތެރިކަން ލިބުން
ފަތިސް ނަމާދުގެ ސަބަބުން އިންސާނާގެ ނަފްސަށް ލިބޭ ހަމަޖެހުމަކީ އަގުނުކުރެވޭނެ ފަދަ ނިއުމަތެކެވެ. ނިދިން ހޭލާ ވުޟޫކޮށް ﷲ ގެ ކުރިފުޅުމަތީގައި ތަަކުބީރު ކިޔައި ހުއްޓުމުން، ހިތުގައިވާ ނުތަނަވަސްކަން ފިލައިދެއެވެ. ކާމިޔާބު މީހަކީ ދިމާވާ ގޮންޖެހުންތަކާ ކެތްތެރިކަމާއެކު ކުރިމަތިލާ މީހާއެވެ. ފަތިސް ނަމާދުން ލިބޭ ރޫހާނީ ވަރުގަދަކަމަކީ ދުވަހުގެ ތެރޭގައި ދިމާވާ ދަތިތަކުގައި ސާބިތުވެ ހުރުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.
މީގެއިތުރުން ފަތިސް ނަމާދަށް ހޭލުމަކީ ނަފްސުގެ މައްޗަށް ބާރުފޯރުވުމެކެވެ. ހޫނު ތަންމަތި ދޫކޮށް ނިދި ފިލުވައިލުމަށްފަހު ނަމާދަށް ތެދުވުމަކީ މީހާގެ އަޒުމް ވަރުގަދަކޮށްދޭ ކަމެކެވެ. މިފަދަ އަޒުމެއް ހުންނަ މީހަކަށް ދިިރިއުޅުމުގެ އެހެނިހެން ކަންކަމުގައިވެސް ކެތްތެރިކަމާއި ސާބިތުކަން އިސްކުރެވޭނެއެވެ. އަދި ފަތިސް ނަމާދު ގަވާއިދުން ކުރާ މީހާގެ ކިބައިގައި ދޮގުހެދުމާއި މަކަރު ހެދުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވުމުގެ ސިފަ އަށަގަނެއެވެ. ރިތި އަހުލާގަކީ ކާމިޔާބީގެ އެންމެ މުހިންމު އެއް ތަނބެވެ.
ޖިސްމާނީ ދުޅަހެޔޮކަން ލިބުން
ސިއްހީ ގޮތުން ބެލިޔަސް ފަތިސް ވަގުތަކީ ވައިގެ ތެރޭގައި އޮކްސިޖަން އެންމެ ގިނައިން ހުންނަ އަދި ތާޒާ ވަގުތެވެ. އެ ވަގުތު ހޭލައި އުޅުމަކީ ހަށިގަނޑުގެ ގުނަވަންތަކަށް ދިިރުންދީ ލޭ ދައުރުވުން ރަނގަޅުކޮށްދޭ ކަމެކެވެ. ދުޅަހެޔޮ ހަށިގަނޑެއް ނެތި ކާމިޔާބީގެ މަންޒިލަށް ވާސިލެއް ނުވެވޭނެއެވެ. އެހެންކަމުން، ފަތިސް ނަމާދަކީ ރޫހާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އެއްކޮށްލަދޭ މުހިންމު ވަސީލަތެކެވެ.
އެހެންކަމުން ކާމިޔާބީގެ ތަޅުދަނޑިއަކީ ފަތިސް ނަމާދެވެ. އެއީ މީހާގެ ދުވަސް ބަރަކާތްތެރިކޮށްދީ ނަފްސު ތާހިރުކޮށްދީ އަދި މަސައްކަތުގައި ސާބިތުކަން ދޭ އަޅުކަމެކެވެ. ދުނިޔޭގައި ކުރިއަރައި ދިއުމަށާއި އާހިރަތުގެ ބާއްޖަވެރިކަން ހޯދުމަށް އެދޭ ކޮންމެ މީހަކުވެސް ފަތިސް ނަމާދަށް ފަރުވާތެރިވާންޖެހެއެވެ. ހަގީގީ ކާމިޔާބީއަކީ ﷲ ގެ ރުހުން ހޯދައިގެން ލިބޭ ކާމިޔާބީއެވެ. އެ މަގަށް ހުޅުވޭ އެންމެ ފުރަތަމަ ދޮރަކީ ފަތިސް ނަމާދެވެ. އުންމީދީ މުސްތަގުބަލަކަށްޓަކައި ދުވަސް ފަތިސް ނަމާދުން ފަށަމާތޯއެވެ!
