ކޮމަންވެލްތަކީ ދިވެހިރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އަޑު އުފުލައި، އެ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކޮށްދޭ މުހިންމު ޖަމިއްޔާއެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ސިފަކުރައްވައިފިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ކޮމަންވެލްތުގެ 77 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގަ އާންމުކޮށްފައިވާ ބަޔާނުގައެވެ. މި އަހަރުގެ ކޮމަންވެލްތު ދުވަސް ފާހަގަކުރަނީ "ފާގަތި ކޮމަންވެލްތަކަށް އެންމެން ގުޅިގެން ފުރުސަތުތައް ފަހިކުރުން" މި ޝިއާރުގެ ދަށުންނެވެ.

މިނިސްޓަރު ހަލީލު ވިދާޅުވީ، މި ޝިއާރަކީ ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ހިއްސާކުރާ ލަނޑުދަނޑިތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ޝިއާރެއް ކަމަށެވެ. އަދި ވޭތުވެދިޔަ ހަތް ދިހަ އަހަރަށްވުރެ ގިނަ ދުވަހު ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި، ކޮމަންވެލްތު ދެމިއޮތީ އުންމީދީ ނަމޫނާއެއްގެ ގޮތުގައިކަން ހަލީލު ފާހަގަކުރެއްވިއެވެ.

ކޮމަންވެލްތުގެ އެއްބައިވަންތަކަމަކީ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭ އެންމެ ބޮޑު ބާރުކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ މިއީ ގައުމުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި ހުރިހާ މެންބަރު ގައުމުތަކަށް ދެމެހެއްޓެނިވި ތަނަވަސްކަން ކަށަވަރުކޮށްދީ، އާ ފުރުސަތުތައް ހޯދުމަށް މަގުފަހިކޮށްދޭ ޖަމާއަތެއް ކަމަށެވެ.

"ޖިއޯ ޕޮލިޓިކްސް ނުތަނަވަސްވެފައިވާ މި ޒަމާނުގައި، އެކުވެރިކަމާއި އެއްބާރުލުމުގެ މުހިންމުކަން، ހާއްސަކޮށް އަޅުގަނޑުމެން ފަދަ ކުދި ގައުމުތަކަށް ބަޔާންކޮށްދޭންވެސް ނުޖެހޭހާ ބޮޑު،"
މިނިސްޓަރު ހަލީލު

ރާއްޖެއަށް ކޮމަންވެލްތުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ހަލީލު ވިދާޅުވީ، ކްލައިމެޓް ފައިނޭންސިންގް އާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އިގްތިސާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމުގައި ކޮމަންވެލްތަކީ ސާބިތު ބައިވެރިއެއް ކަމަށެވެ.

މިނިސްޓަރުގެ މެސެޖު ނިންމަވާލެއްވީ، މިއަދުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދެވޭ ފަދަ ހަރަކާތްތެރި ޖަމިއްޔާއެއްގެ ގޮތުގައި ކޮމަންވެލްތު ބޭއްވުމަށް ދޭން ޖެހޭ އެއްބާރުލުން ދިނުމުގެ އަޒުމް އާކުރައްވަމުންނެވެ. އަދި ހުރިހާ މެންބަރު ގައުމުތަކަށް ފާގަތި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ކޮމަންވެލްތުގެ ތެރޭގައި ހަރަކާތްތެރި ދައުރެއް އަދާކުރުމުގައި ދިވެހިރާއްޖެ ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން އޭނާ އެރުވިއެވެ.