ގަނާ ކުރުމަކީ ކޮބާ ހެއްޔެވެ؟ ގަނާ ކުރުމަކީ އަނގަބަހުން ނުވަތަ ޖިސްމާނީ ގޮތުން އަނެކުންނާއި ފުރައްސާރަ ކުރުމެވެ. މިއީ އަޅުގަނޑުމެންގެ މި ކުޑަ ކުޑަ މުޖުތަމައުގެ ތެރޭގައިވެސް އިތުރުވަމުން އަންނަ ނުރައްކާތެރި ވަބާއެކެވެ. ގަނާ ކުރުމުގެ ޝިކާރައަކަށް ދެޖިންސުގެ އެކި އުމުރުފުރާގެ މީހުން ވެފައިވީ ނަމަވެސް މިކަން އެންމެ ގިނައިން ފެންނަނީ ސްކޫލްތަކުގެ މާހައުލުން ކަމީ އަޅުގަނޑުމެންނަށް ދެބަސްވެވެން ނެތް ހަގީގަތެވެ.
ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ. އުނގެނުމާއި ހުނަރުގެ ގޮތުންނެވެ. މިކަން އެންމެ ފުރަތަމަ ގަބޫލުކުރަންވީ މައިންބަފައިން ނެވެ. ބެލެނިވެރިން ނެވެ. އެހެނީ ކުދިންނަށް މިކަން ވިސްނައިދެވޭނީ ފުރަތަމަ ބެލެނިވެރިން މިކަން ގަބޫލުކޮށްގެނެވެ. ގަނާގެ ޝިކާރައަކަށްވުމީ ކުދިންގެ މުޅި ދިރިއުޅުން ބަނަވެ، އުންމީދުތައް ވިއްސިވިހާލިވާކަމެކެވެ. މީހާ މާޔޫސްކޮށްލައި ދިރިއުޅުންދެކެ ފޫހިވެ، އަމިއްލަ ނަފުސަށް ގެއްލުންދީ، ބައެއްފަހަރަށް އަމިއްލަ ފުރާނަ ގެއްލުވާލާފަދަ ނުރައްކާތެރި ކަމެކެވެ. އެހެންކަމުން ގަނާކުރުން ހުއްޓުވުމަށް މުޖުތަމައުގެ ހުރިހާ ފަރުދުންގެ އެއްބާރުލުން ބޭނުންވެ އެވެ.
ދަރިވަރުންގެ މެދުގައި މަޖަލަކަށް ނަމަވެސް ގަނާ ކުރުމުގެ އާދަ އިތުރުވަމުންދާއިރު ގަނާ ކުރެވޭ ދަރިވަރުގެ އުޅުމާއި ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ނުރައްކާތެރި ކަމެކެވެ. އެހެންކަމުން ބެލެނިވެރިންނާއި މުދައްރިސުން ގަނާ ކުރުމުގެ ނިޝާންތަކާއި ނަތީޖާތަކަށް އަހުލުވެރިވެފައި ތިބުމަކީ މުހިންމު، އެހާމެ ބޭނުންތެރި ކަމެކެވެ. މި ލިޔުމުގައި ވެސް މި ގެނެސްދެނީ މިފަދަ ކަންކަން ދެނެގަންނާނެ ގޮތްތަކާއި ހުއްޓުވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކެވެ.
ގަނާ ކުރާކަން ދާކަން ދެނެގަންނާނީ ކިހިނެއް؟
ގަނާ ކުރުމުގެ ގޮތުން ސްކޫލްތަކުގައި އެންމެ އާންމުކޮށް ހިނގަމުންދާ ކަންތައްތަކުގެތެރޭގައި، ކުދިން އެކަހެރި ކުރުމާއި، ތަފާތުކުރުމާއި، އަޅާނުލުމާއި، ބޭއަދަބީބަސް ބޭނުން ކުރުމާއި، ދޮގު ވާހަކަ ފެތުރުމާއި، ފާޑު ފާޑު ނަންނަމުން ގޮވުމާއި، ލަދު ގެންނެވުމާއި، ބިރުދެއްކުން ފަދަ ކަންކަން ހިމެނެއެވެ.
މިފަދަ ކަންކަމުގެ ސަބަބުން ސްކޫލަށް ދާން ދެކޮޅު ހެދުމާއި ކިޔެވުން މަތިން ފޫހިވުން ހިމެނެއެވެ. ކެއިންބުއިމާއި ދުރުވެ ބޮޑާ ހޭކުން ފަދަ ކަންކަން ވެސް ހިމެނެއެވެ. މީގެ އިތުރުން ވެސް ކުއްޖާ ސްކޫލުން އަންނަ އިރު ޔުނީފޯމް ހަޑިވެފައި ހުރުމާއި ހަށިގަނޑުގެ ތަންތަން ރަތްވެ، ހަލާކުވެފައި ހުންނަ ނަމަ އެއީ ވަގުތުން ވަގުތަށް ކުއްޖާއާއި ސުވާލުކޮށް ސްކޫލުގެ އިދާރާތަކަށް އަންގަން ޖެހޭނެ ކަންކަމެވެ.
މިފަދަ ކަންކަމީ ހަމައެކަނި ދަރިވަރުންގެ ތެރެއިން އެކަކު އަނެކެއްގެ މެދުގައި ހިނގާ ކަންކަން ނޫން ކަމަށާއި، މިފަދަ ކަންކަމަކީ ދަރިވަރުންނާއި ޓީޗަރުން ނުވަތަ އެހެނިހެން މުވައްޒަފުންގެ މެދުގައިވެސް ހިނގާ ކަންކަން ފާހަގަކޮށްލެވެއެވެ.
ގަނާ ކުރުން ހުއްޓުވަން ހަދާނީ ކިހިނެތް؟
ގަނާކުރުން ހުއްޓުވުމުގައި އިސްވެރިންގެ ދައުރުބޮޑެވެ. ހާއްސަގޮތެއްގައި ސްކޫލްތަކުގައި ބުލީކުރުން ހުއްޓުވުމުގެ ގޮތުން ހަރުކަށި ގަވާއިދުތަކެއް އެކުލަވަލުމުގެ އިތުރުން އެގަވާއިދުތައް ތަންފީޒުކުރުމަށް ހަރުދަނާ ފްރޭމްވޯކްތަކެއް އެކުލަވާލުމުގެ މުހިންމުކަން ހިމެނެއެވެ.
ސްކޫލްތަކުގައި މިކަން ހުއްޓުވުމުގެ ގޮތުން ޓީޗަރުންނާއި މުވައްޒަފުންނަށް ޕޮޒިޓިވް ކްލާސްރޫމް މެނޭޖްމަންޓްފަދަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އެކި ކަހަލަ އިހުސާސްތައް ދެނެގަތުމާއި، އަޅާލުން އިތުރުކޮށް އެކުވެރިކަމަށް ބާރު އަޅަން ޕްރޮމޯޓް ކުރެވޭނެފަދައިން ސްކޫލްތަކުގެ ކިޔަވައިދިނުމުގެ ކަރިކިއުލަމް ބައްޓަން ކުރުން ހިމެނެއެވެ.
މީގެ އިތުރުން ވެސް ގަނާ ކުރަމުންދާކަމުގެ ނިޝާނެއް ފެނިއްޖެނަމަ ލޯތްބާއެކު ކުއްޖާއާއި ވާހަކަ ދައްކާށެވެ. އަޑު އިސްނުކުރާށެވެ. އެފަދަ ކަމެއް ކުރިމަތިވާނަމަ މައިންބަފައިންގެ ފުރިހަމަ އެއްބާރުލުމާއި އެހީ ކުއްޖާއަށް ލިބޭނެކަން ޔަގީން ކޮށްދޭށެވެ. އޭރުން ކުއްޖާގެ ހިތުގައި އިތުބާރު އުފެދި ދިމާވަމުންދާ ކަންތައްތައް ހިއްސާ ކުރާނެ އެވެ.
ސްކޫލްތަކުގައި ގަނާ ކުރުން ހުއްޓުވުމަށް ޓީޗަރުންނާއި ސްކޫލް މުވައްޒަފުންގެ އިތުރުން، ބެލެނިވެރިންނާއި، ތައުލީމާ ބެހޭ މިނިސްޓްރީގެ އިތުރުން ގައުމުގެ އިސްވެރިންގެ އެއްބާރުލުންވެސް ބޭނުންވާނެއެވެ. ގަނާ ކުރުމަކީ މަޖަލަކަށް ހަދާވަރުގެ ކުޑަކަމެއް ނޫނެވެ. މީގެ ސަބަބުން އެތައް ކުދިންނެއް ނަފްސާނީ ބަލިތައް ތަހައްމަލު ކުރުމުގެ އިތުރުން މިދުނިޔެ ދޫކޮށްފައިވެސްވެއެވެ.
މިކަން ހައްލުކުރުމަށް އެންމެ ބޮޑު ދައުރެއް އަދާ ކުރެވޭނީ އާއިލާ އަށެވެ. މައިންބަފައިންނަށެވެ. ބެލެނިވެރީންނަށެވެ. މަޖަލަކަށް ހަދާފައި ނަމަވެސް ކުއްޖާއަށް މަލާމަތްކޮށް ފުރައްސާރަ ކުރާމީހުން ހުއްޓުވައިގެންނެވެ. އެހެން ކުދިންނާދިމާއަށް ބުނަން ނުވާނެ އެއްޗިހި ކިޔައިދީގެންނެވެ. އިސްލާމީ ތަރުބިއްޔަތުން ދަރީން ތަރުބިއްޔަތު ކޮށްގެނެވެ. ތިބާގެ ދަރިފުޅާއި އަނެކާގެ ދަރިފުޅުވެސް ހަނގާގެ ޝިކާރައަކަށް ވުމުގެ ކުރިން އެކަން ހުއްޓުވޭނީ އޭރުންނެވެ.
