މި ރޯދަމަހުގެ ފަހު ދިހައެއް ގައި މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މާލޭގެ 21 މިސްކިތެއްގައި ދަމު ނަމާދުކުރާނެ އެވެ. އަދި ވިލިމާލޭގެ 3 މިސްކިތަކާ، ހުޅުމާލެ ފޭސް 1 ގެ ހަ މިސްކިތެއްގެ އިތުރުން ހުޅުމާލެ ފޭސް 2 ގެ ފަސް މިސްކިތެއްގައި ފަހު ދިހައެއް ގައި ދަމު ނަމާދުކުރާނެ އެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ ފަހު ދިހައެއް ގައި މާލޭ ސަރަހައްދުގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ވެސް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 16 މިސްކިތަކާއި ވިލިމާލޭގެ އެއް މިސްކިތް އަދި ހުޅުމާލޭގެ 8 މިސްކިތެވެ.

އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ރަމަޟާން މަހަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު، މީގެ ކުރިން ހަމައެކަނި މާލޭގައި ބާއްވަމުން އައިސްފައިވާ އިހްޔާ ފޯރަމް މިއަހަރު މާލެއެކޭ އެއް ފެންވަރެއްގައި އަތޮޅުތެރޭގައިވެސް އަންނަނީ ބާއްވަމުންނެވެ. އެގޮތުން އައްޑު ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީ އާއި ރ. އުނގޫފާރު ގައި މިއަހަރުގެ އިހްޔާ ފޯރަމް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.