މެދުއިރުމަތީގެ ހަމަނުޖެހުމާއިއެކު ރޭގެ ނިޔަލަށް ވެލާނާ އެއާޕޯޓުން ނުފުރިތިބި 130 ފަސިންޖަރުންނަށް އެމްއޭސީއެލް އިން ޒަރޫރީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އިއްޔެ ފެށި ހަނގުރާމައިގެ ސަބަބުން ނުފުރުނު ފަސިންޖަރުންނަށް އެހީވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑިސްރަޕްޝަން މެނޭޖްމަންޓް ސެންޓަރެއްވެސް ވަނީ ގާއިމުކޮށްފައެވެ. މިމަސައްކަތުގެ ދަށުން ރޭގެ ނިޔަލަށް އެމްއޭސީއެލް އިން ވަނީ ނުފުރިތިބި 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްއޭސީއެލް އިން ބުނީ އިއްޔެ ޖުމްލަ 9 ފްލައިޓެއް ކެންސަލްވެ ގާތްގަނޑަކަށް 1،716 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ. އަދި މިއަދު 19 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 3،530 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ.
ފަސިންޖަރުންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދީ، މިހާލަތުން އަރައިގަތުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒްމް އާއި، ވިޒިޓް މޯލްޑިވްސް އަދި އެއާލައިންތަކުގެ އިތުރުން ޓުއާ އޮޕަރޭޓަރުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
ހަނގުރާމައިގެ ސަބަބުން ނުފުރި ތިބި ފަސިންޖަރުންނަށް އެހީވުމަށް، ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއާލައިންތަކަށް ހާއްސަ ސާވިސް ކައުންޓަރުތަކެއް މިހާރު ޑޮމެސްޓިކް ޓާމިނަލުގައި ވަނީ ގާއިމުކޮށްފައެވެ.
