އިސްލާމީ އުއްމަތުގައި ސަހްޔޫނީންގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާ މަދު ލީޑަރުންގެ ތެރޭގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ހިމެނެއެވެ.

އެމެރިކާއާއި ޔަހޫދީ އިޒްރޭލުން 47 އަހަރު ވާންދެން ކުރަމުން ދިޔަ މަސައްކަތަކީ އީރާނު ކުޑަކަކުލަށް ތިރިކުރުމުގެ މަސައްކަތެވެ. މާލީ ގޮތުން ބަލިކަށި ކުރުމަށް އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި އީރާގާއި އީރާން ހަނގުރާމަ އަށް ގެންދިޔުމާއި، ދުނިޔޭގެ ތަހުޒީބުތަކަށް އީރާނުގެ އަތް ނުފޯރާނެހެން ބަނދެފައި ބޭތިއްބުން ހިމެނެއެވެ.

މީގެ އިތުރުން ފިކުރީ ގޮތުން ބަލިކަށި ކުރުމަށްޓަކައި އީރާނުގެ ލީޑަޝިޕާ އަޅުވައި އެތައް ހުތުރު ވާހަކަތަކެއް އާންމު ކުރަމުން ގެންދިޔުން ވެސް ހިމެނެއެވެ. އެގޮތުން އީރާނުގެ ރޫހީ ލީޑަރު އިޒްރޭލުން ސިފަ ކުރަނީ 'ހަރުފައިގެ ބޯ' ކަމަށެވެ.

ހަރުފައިގެ ބޯ ކަނޑާލުމަކީ އިޒްރޭލުން މާކުރިންވެސް ބޭނުންވި ކަމެކެވެ. އދ ގެ މައި އިދާރާގެ ޕޯޑިއަމާއި އެނޫންވެސް އެކިއެކި މަގާމުތަކުގައި އިޒްރޭލުގެ ވެރިން އެވާހަކަ ތަކުރާރު ކޮށްފައި ވެއެވެ.

ދުނިޔެ ކޮންޓްރޯލް ކުރަނީ ޔަހޫދީން ކަމަށް ކިޔާތީ ގިނަބަޔަކު އަހާއިރު އެކަމުގެ ފަހަތުގައި ވާ ސިއްރުތައް ދާދިފަހުން އާންމުވި އެޕްސްޓީން ފައިލްސް އިން އެނގިގެން ދެއެވެ. ޔަހޫދީ މަކަރުވެރި ރޭވުމުގައި ތާށި ނުވާ ލީޑަރަކު މަދެކެވެ. ކުޑަކުދިންނާ ބެހުމާއި އުމުރު ހަމަނުވާ އަންހެން ކުދިންނާއެކު ވަހުޝާނީ ކަންކަން ކުރުމާއި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާ ފޮޓޯ، ވީޑިއޯގެ އިތުރުން އީމެއިލްތަކާއި ފޯންކޯލް އާއި އެނޫންވެސް މުއާމަލާތުތަކުގެ ރެކޯޑިންތައް ހުރީ ހަދާފައެވެ.

އަރައްބެއް، މުސްލިމެއް، ދިވެއްސެއް، ފަރަންޖީއެއް ނެތެވެ. ބާރު ހުރި އަދި ފައިސާ ހުރި އެތައް ބަޔެއްގެ 'ފައިލް' އޮތީ ޔަހޫދީންގެ އަތުގައެވެ. ބްލެކްމެއިން ކުރުމާއި އެނޫންވެސް މަޖުބޫރު ކުރުންތަކާއެކު ޔަހޫދީންގެ ކުރިމަތީގައި އެވެރިންނަށް މަޖުބޫރުވަނީ ކުޑަކަކޫ ޖަހާށެވެ.

ހާމަނާއީ އާއެކު އިސް އާރުކާޓީގެ ބޭފުޅުން. ފޮޓޯއިން ފެންނަ ހުރިހާ ބޭފުޅުން އަވަހާރަކޮށްލައިފި ކަމަށް އިޒްރޭލުން ބުނޭ

ހާމަނާއީ އަވަހާރަ ކޮށްލުމާއެކު ހިތާމައާއި އުފާ!

އިއްޔެގެ ހެނދުނުގެ އޮފީސް ވަގުތުގައި އިޒްރޭލުގެ ބޮންއަޅާ ބޯޓުތަކުން އީރާނަށް ހަމަލާތައް ފޮނުވާލީ އަމާޒުތައް އެނގިތިބެގެންނެވެ. އެއްފަހަރާ 12 ސަރަހައްދަކަށް ހަމަލާ ދިން އިރު، އޭގެ ތެރެއިން އެންމެ މުހިންމު އަމާޒަކީ ހާމަނާއީގެ އޮފީހެވެ. އެ އޮފީހަކީ، ސަރުކާރުގެ އޮފީސް އިމާރާތްތަކާއި ޑިފެންސް މިނިސްޓްރީ އާއި އެނޫންވެސް މުހިންމު އިދާރާތައް ހުންނަ އެންކްލޭވް ނުވަތަ 24 ގަޑިއިރު ފޯރިމަރާ ބަލަހައްޓަމުންދާ ސަރަހައްދުގައި ހުންނަ އޮފީހެކެވެ. އާންމު ބަހުން ނަމަ 'ރެޑް ޒޯން' އެވެ.

އިޒްރޭލުގެ ހަމަލާގައި ހާމަނާއީގެ އޮފީސް ބިމާ ހަމަވެފައި ވީ ނަމަވެސް އޭރު ހާމަނާއީ އަވަހާރަވި ކަމެއް އިޒްރޭލަކަށް ޔަގީނެއް ނުކުރެވެއެވެ. އެއީ މީގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި ވެސް ހާމަނާއީ އަވަހާރަ ކޮށްލެވިފައި ނުވުމުން، މިފަހަރުވެސް އީރާނުން އެކަމަށް ސަމާލުވެ ހާމަނާއީ ފޮރުވާނެ ކަމަށް އިޒްރޭލުން ގަބޫލު ކުރިއެވެ. އަދި ސަލާމަތީ ސަބަބުތަކާ ހެދި ހާމަނާއީ އަކީ ވަރަށް ބޮޑަށް ފޮރުވިގެން އުޅުއްވާ ބޭފުޅެއް ކަމަށް ވުމާއެކުވެސް އިޒްރޭލަށް ވިސްނިފައި އޮތީ އެގޮތަށެވެ.

ނަމަވެސް ހާމަނާއީ އާއެކު 7 ލީޑަރަކު އަވަހާރަކޮށްލެވުނު ކަމަށް ރޭ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އިއުލާން ކުރުމާއެކު ކުއްލި ހައިރާންކަން ގެނުވިއެވެ. ގިނަބަޔަކަށް އެކަން ގަބޫލެއްވެސް ނުކުރެވުނެވެ. އީރާނުގެ ނޫސް އިދާރާތަކުންވެސް އަދި އެގައުމުގެ އޮފިޝަލުންވެސް ވިދާޅުވަމުން ގެންދެވީ ހާމަނާއީ ގަދަކޮށް ކޮމާންޑްގައި ހުންނެވި ކަމަށެވެ. އަދި އިޒްރޭލުން ދައްކާ ވާހަކަތައް ދޮގުކުރިއެވެ.

ނަމަވެސް އިޒްރޭލަކީ ޖާޖޫސުންގެ ވަރުދަގަ ވިއުގައެއް ގެންގުޅޭ ބަޔަކަށް ވުމާއެކު އެމީހުންގެ ޖާސޫސުން އީރާނުގެ ތެރޭގައި ވެސް ހަރަކާތްތެރިވަމުން ދެއެވެ. އެތައް ބަޔަކު އެތައް ޒަމާނެއް ވާންދެން ޖާޖޫސް ކުރުމުގައި އީރާނުގެ ތެރޭގައި ހަރަކާތްތެރި ވެއެވެ. އެކަން ނިމިދިޔަ 12 ދުވަހުގެ ހަނގުރާމައަށް ފަހުވެސް ސާބިތުވެގެން ގޮސްފައި ވެއެވެ. އެ ހަނގުރާމައަށް ފަހު އީރާނުން ވަނީ އެތައް ޖާސޫސުންނެއް ހިފައި ހައްޔަރުވެސް ކޮށްފައެވެ. އަދި ބައެއް ޖާސޫސުން ވަނީ ފިލައިގެން އީރާނުން ނިކުމެފައެވެ. އޭގެ ތެރެއިން އަލްޖަޒީރާ އާ ވާހަކަ ދެއްކި އެކަކު، އޭނާ އީރާނުގައި ހަރަކާތްތެރިވި ގޮތާއި އެންމެ އިސް ލީޑަޝިޕާ ކައިރިއަށް ދިޔުމަށް ކަންކަން އިންތިޒާމު ކުރަމުން ދިޔަ ގޮތް ކިޔައިދީފައި ވެއެވެ. އެއީ ޔަހޫދީ އަންހެނެކެވެ. އޭނާ އެވާހަކަ ކިޔައިދިނީ، އިޒްރޭލުން ގާޒާއާ ދެކޮޅަށް ހިންގާ އުދުވާނާ ގުޅިގެން އޭނާއަށް ކުރިމަތިވި ހާލަތުތަކާ ހުރެ އިޒްރޭލު ދޫކޮށް ހުޅަނގުގެ ގައުމަކަށް ހިޖުރަކުރުމަށް ފަހުގައެވެ.

ހާމަނާއީ އަވަހާރަވި ހަބަރާއެކު އީރާނުގެ އެތަން މިތާނގައި ހިތާމަފާޅުކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުތަކަށް ނިކުމެފައެވެ. އަންހެނުންނާއި ފިރިހެނުން ރޮމުން ގިސްލަމުން ދަނީ އެ ލީޑަރެއްގެ ހިމާޔަތުން އެމީހުން މަހުރޫމް ވުމުންނެވެ. އެތައް ބަޔަކު ގެންދަނީ އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

އާބާދީގައި 90 މިލިއަން މީހުން ދިރިއުޅޭ އީރާނުގައި ހާމަނާއީ އަކީ އެމީހުންގެ ރޫހީ ލީޑަރެވެ. ހާމަނާއީ ފަދަ މަދު ބައެއް ބޭފުޅުން އީރާނުގައި ތިބި ނަމަވެސް މިވަގުތަށް އެންމެ މަގުބޫލު އެއް ޝަހުސިއްޔަތަކީ އެއީއެވެ.

ހާމަނާއީ އަވާހަކަވުމުގެ ހިތާމަ އެއްބަޔަކު ފާޅުކުރަމުން ދާއިރު ބައެއް މީހުން ގެންދަނީ އުފާފާޅުކޮށް ނަތަންޔާހޫއާ ޓްރަމްޕް އަދި ޕައްލާވީގެ ފޮޓޯއާއެކު ޝުއޫރުފާޅު ކުރަމުންނެވެ. އެމީހުންނަކީ އީރާނުގެ މިހާރުގެ ވެރިކަމާ މުޅިން ދެކޮޅު ފަރާތްތަކެވެ. އެފަރާތްތަކުން ވަނީ ދާދިދަހުން ވެރިކަން ވައްޓާލުމަށް އީރާނުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާ މަގުތަކަށް ނިކުމެ ދިގުދެމިގެންދިޔަ ބޮޑެތި މުޒާހަރާތައް ކޮށްފައެވެ. އެ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަވެސް ވަނީ ގެއްލިގެން ގޮސްފައެވެ.

ހާމަނާއީ އަވަހާރަވުމާއެކު އީރާނުގެ ކަންކަން ހިންގަން ރައީސް ޕެޒެސްކިއާން ހިމެނޭހެން 3 މެންބަރުންގެ ވަގުތީ ކޮމިޓީއެއް މިހާރު އެކުލަވާލައިފައި ވާއިރު އާ ރޫހީ ލީޑަރެއް ކަނޑައެޅުމަށްޓަކައި 88 މެންބަރުންގެ މައްޗަށް އެކުލެވޭ އެސެމްބްލީ އޮފް އެކްސްޕާޓްސް ދާދިއަވަހަށް ބައްދަލު ކުރާނެ ކަމަށް މިހާރު ހަބަރު ލިބެއެވެ.