ބަތާއެކީ ކާނެ ސައިޑް ޑިޝްއެއް ތައްޔާރު ކުރުމަކީ ގިނަފަހަރު ވަނީ އުނދަގޫ ކަމަކަށްވެފައެވެ. ހާއްސަކޮށް އަވަހަށް އަދި ހައްޓަށް ލުއިފަސޭހަކޮށް ތައްޔާރުކޮށްލެވޭ ބާވަތެއް ހޯދުމަކީ އަހަރުމެން އަންހެނުން ބަދިގެއަށް ވަނުމަށްފަހު އިސްކަންދޭ އެއް ކަންތަކެވެ. އަބަދު ހަވާދުގެ ބާވަތްތައް ކެއުމުގެ ބަދަލުގައި މިފަހަރު ނިކަން ތަފާތު އެއްޗެއް ތައްޔާރުކޮށްލަމާ ހިނގާށެވެ.

"ހަނީ ގާލިކް ކްރިސްޕީ ޗިކަން" މިއީ ޗައިނީޒް އަދި އެމަރިކަން ޑިޝްއަކަށްވާއިރު މިއީ އަނގައަށް މީރު އަދި ތައްޔާރުކޮށްލަންވެސް އެހާމެ ފަސޭހަ ޑިޝްއެކެވެ. އެހެންކަމުން މިފަހަރު އަޖުމަ ބަލައިލަން ނަމަވެސް މި ޑިޝް ތައްޔާރުކޮށްލަން ވާނެއެވެ.

ބޭނުންވާ ތަކެތި:

  • ކަށި ނެތް ކުކުޅު
  • ސޯޔާ ސޯސް
  • އޮޔިސްޓާ ސޯސް
  • ލޮނުމެދު ޕައުޑާ
  • ލޮނު
  • އަސޭމިރުސް
  • ކޯން ފްލާ
  • ތެޔޮ
  • ބަޓަރު
  • މާމުއި

ތައްޔާރު ކުރާނެ ގޮތް:

ސޮޔާ ސޯސް، އޮޔިސްޓާ ސޯސް، ލޮނު، އަސޭމިރުސް، ލޮނުމެދު ޕައުޑާ އެޅުމަށްފަހު ކުކުޅުފޮތި ތަކާ އެއްކޮށްލުމަށްފަހު 2 ގަޑީރު ވަންދެން މެރިނޭޓް ކުރަން ބަހައްޓާލާނީއެވެ.

ހަނީ ގާލިކް ކްރިސްޕީ ޗިކަން ތައްޔާރުކުރުމަށް ކުކުޅު ތެލުލަނީ

އެއަށްފަހު ކުކުޅު ފޮތިތައް ނަގާލުމަށްފަހު ދެ ފުށުގައި ރަނގަޅަށް ކޯންފްލާ އުނގުޅާލާނީއެވެ. އަދި ތަވައަކަށް ތެޔޮ އެޅުމަށްފަހު ކުކުޅުތައް ދެ ފުށުން ރަނގަޅާށް ރޯ ފިލަންދެން ފިހެލާށެވެ. އެއަށްފަހު އިތުރު ތަވަޔަކަށް ބަޓަރު މެލްޓު ކުރުމަށްފަހު ގާނާފައި ހުރި ލޮނުމެދު ސޮޔާ ސޯސް އަދި މާމުއި އަޅާލުމަށްފަހު އެއްކޮށްލާށެވެ. އަދި ތަވާ ތެރެއަށް ކުރިން ތައްޔާރުކުރި ކުކުޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލީމަ ތައްޔާރުވީއެވެ.