ބަރަކާތްތެރި ރަމަޟާން މަހަކީ މާތްﷲ މުސްލިމް އުންމަތަށް ދެއްވާފައިވާ ވަރަށް އަގުހުރި ހަދިޔާއެކެވެ. އެއީ ރަހުމަތާއި، ފާފަފުއްސެވުމުގެ މައްސަރެވެ. މި މަތިވެރި މައްސަރުގެ ކޮންމެ ސިކުންތަކީވެސް އަޅުކަމާއި ހެޔޮކަމުގެ ތެރޭގައި ހޭދަކުރަންޖެހޭ އަގުނުކުރެވޭ ފަދަ ވަގުތުތަކެކެވެ.

ނަމަވެސް ހިތާމައަކީ މިއަދުގެ މުޖުތަމައުގެ ތެރެއިން ފެންނަމުންދާ ބައެއް އާދަތަކުގެ ސަބަބުން މި މަތިވެރި މައްސަރުގެ އަސްލު މަގުސަދު ގެއްލިގެންދިއުމެވެ.

ކުޅިވަރާއި މުނިފޫހިފިލުވުމަކީ އޭގެ ޒާތުގައި މަނާކަމެއް ނޫން ނަމަވެސް، ރަމަޟާން މަހުގެ ރޫހާނިއްޔަތާ ނުބައްދަލު މިންވަރަށް މިކަންކަމުގެ ތެރެއަށް ވަނުމަކީ ނުހަނު ބޮޑު ހިތާމައެކެވެ. މިއީ މިއަދުގެ މުޖުތަމައުގައި މިހާރު ފެންނަމުންދާ ކަމެކެވެ. ރަމަޟާން މަހަކީ ތަފާތު ކުޅިވަރުތަކާއި މުބާރާތްތައް ބާއްވާ، ތަފާތު ޕްރޮމޯޝަންތައް އިސްތިހާރު ކުރާ ދުވަސްތަކަކަށް ވަނީ ބަދަލުވެފައެވެ.

ބަޔަކު ބައިބަލާ ކުޅެނީ --

މިހާރަކަށް އައިސް ފެންނަނީ ރޯދަމަހުގެ ރޭގަނޑުގެ ބޮޑުބައި ކުޅިވަރު މުބާރާތްތަކުގައާއި، ކާޑުކުޅުމާއި، ކެރަމް އަދި ބައިބަލާ ފަދަ ކަންކަމުގައި ހޭދަކުރާތަނެވެ. ބައެއް ފަހަރު މިފަދަ ކަންކަމުގައި މަޝްއޫލުވެ ފަތިސް ނަމާދު އެޅި ނުވަތަ ޖަމާއަތުގެ ނަމާދުތަކަށް ފަރުވާކުޑަ ކުރެވޭ ތަން އާދެއެވެ. މިއީ ކޮންމެ މީހަކުވެސް ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ.

ރަމަޟާން މަހަކީ ގުރުއާން ބާވައިލެއްވުނު މަތިވެރި މައްސަރު

ރަމަޟާން މަހަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތާއި ސީދާ މަގު ދެއްކެވުމަށްޓަކައި، މާތްﷲ ކީރިތި ގުރުއާން ބާވައިލެއްވި މަތިވެރި މައްސަރެވެ. މިއީ އެ ފޮތެއްގެ ނޫރުން މުޅި ދުނިޔެ އަލިވެގެންދިޔަ އަދި އިންސާނާގެ ދިރިއުޅުމުގެ ދަސްތޫރު ބަޔާންކޮށްދިން މުއުޖިޒާތުން ފުރިގެންވާ ފޮތެވެ.

އެހެންކަމުން މި މައްސަރުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ގުރުއާނާ އެކު ވަގުތު ހޭދަކުރުމަށެވެ. ހަމައެކަނި އަކުރުތައް ކިޔަވައިލުމުގެ ބަދަލުގައި އޭގެ މާނައާމެދު ފުންކޮށް ވިސްނާ ތަދައްބުރު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ކުޅިވަރުގެ ފޯރީގައި ޖެހި ރޭގަނޑުގެ ބޮޑުބައި ޓީވީ ސީރީޒްތަކާއި ފޯނުގެ ސްކްރީންތަކަށް ހުސްކޮށްލާއިރު ހިތްތަކަށް ދިރުން ގެނެސްދޭ ގުރުއާނުގެ އާޔަތްތަކަށް ވަގުތު ނުދެވުމަކީ ހިތާމަހުރި ކަމެކެވެ.

ރަމަޟާން މަހު ގުރުއާން ކިޔެވުމަށާއި ދުއާ ކުރުމަށް ގިނަ ވަގުތު ހުސްކުރަން ޖެހޭ --

ތަރާވީހު ނަމާދާއި ދަމުނަމާދުގެ ސަފުތަކުގައި ކެތްތެރިކަމާއެކު މަޑުކޮށް މާތްﷲގެ ކަލާމްފުޅު އަޑުއެހުމުން ލިބޭ ރޫހާނީ ހަމަޖެހުމަކީ އެއްވެސް ކުޅިވަރަކުން ނުވަތަ މަޖަލަކުން ލިބޭނޭ އުފަލެއް ނޫނެވެ. ރޯދަ ހިފައިގެން ހުންނަ ވަގުތުތަކަކީ ތިމާގެ ދުލާއި ހިތް ގުރުއާނުގެ ޒިކުރުން ތެތްކޮށްފައި ބަހައްޓާ ވަގުތުތަކެއް ކަމުގައި ހަދަންޖެހެއެވެ.

ފަހު ދިހައަކީ ނަރަކައިން މިންޖުވުމަށް އޮތް ދިހަ ދުވަސް!

ރޯދަ މަހުގެ ފަހު ދިހައަކީ ނަރަކައިން މިންޖުވުމަށް އޮތް ރަހުމަތުން ފުރިގެންވާ ދުވަސްތަކެވެ. މި ދުވަސްތަކުގެ ތެރޭގައި އެކުލެވިގެންވާ ލައިލަތުލްގަދުރި ވިލޭރޭގެ މަތިވެރިކަމަކީ އެއްވެސް އިންސާނަކަށް އޭގެ އަގު ވަޒަންކުރެވޭނެ ވަރަށްވުރެ މާ މަތިވެރި ނިއުމަތެކެވެ. އެއީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ފަދަ މާތް ރެއެކެވެ. އެންމެ ރެއެއްގެ އަޅުކަމުން އަށްޑިހަ ތިން އަހަރަށްވުރެ ގިނަ ދުވަހުގެ ސަވާބާއި ދަރުމަ ލިބިގަތުމުގެ ފުރުސަތު އޮތްއިރު، އެ ރޭތައް ކުޅިވަރު ދަނޑުތަކުގައާއި، ބޭކާރު ގުރޫޕް ހެދުންތަކުގައާއި، ކާޑުކުޅުމުގެ މަޖަލުގައި ހޭދަކޮށްލުމަކީ ކޮންފަދަ ބޮޑު ގެއްލުމެއް ހެއްޔެވެ؟

މާތް ނަބިއްޔާ މި ދިހަ އެއްގައި އަޅުކަމުގައި ހީވާގިވެވަޑައިގެން، މި އުންމަތަށް ވަނީ ނަމޫނާ ދައްކަވައިދެއްވާފައެވެ. އެކަލޭގެފާނު އަމަލުފުޅު ބެހެއްޓެވި ގޮތަކީ ރޭގަނޑުގެ ނިދި މަދުކުރައްވާ އަޅުކަމުގެ ފޭރާން ބާރުކުރައްވާ ރޭއަޅުކަމާއި ދުއާގައި ވަގުތުތައް ހޭދަކުރެއްވުމެވެ.

ތަރާވީހް ނަމާދު ކުރަނީ --

ދުނިޔަވީ ވަގުތީ އުފަލަކައްޓަކާ ދާއިމީ ބާއްޖަވެރިކަން ލިބެން އޮތް މިފަދަ ފުރުސަތެއް ދޫކޮށްލުމަކީ ބުއްދިވެރިންގެ ގޮތެއް ނޫނެވެ. މިސްކިތުގެ ސަފުތަކާއި އަމިއްލަ ގޭގޭގެ ކަނުތަކުގައި ކަރުނައާއެކު ކުރެވޭ ދުއާތަކަކީ ތިމާގެ މުޅި ހަޔާތް ބަދަލުކޮށްލާނޭ ނޫރަކަށް ވެގެންދާނެއެވެ.

ރަމަޟާން މަހުގެ ކޮންމެ ދުވަހަކީވެސް އަލުން އަނބުރާ ލިބޭނެ ދުވަހެއް ނޫނެވެ. އަންނަ އަހަރުގެ ރޯދަމަހާ ބައްދަލުކުރުމުގެ ނަސީބު ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް އެކަކަށްވެސް ނެތެވެ. އެހެންކަމުން ކުޅިވަރާއި މަޖަލުގައި ވަގުތުތައް ބޭކާރު ނުކޮށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަމާ ހިނގާށެވެ. މި ބަރަކާތްތެރި މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފައި ތަގުވާވެރި އަޅުންގެ ތެރޭގައި ހިމެނުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ.