ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން، މަގާމުން ރިޓަޔާ ކުރެއްވުމާއި ގުޅިގެން އޭނާ ހުންނެވި މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް ފަރުހާދާ ހަވާލު ކުރައްވައިފިއެވެ.

ފުލުހުން ބުނީ، އިއްޔެއިން ފެށިގެން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ނަވީން ރިޓަޔާ ކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެމަތިން އިއްޔެ ފެށިގެން އެ ހިދުމަތް ވަގުތީ ގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. އަދި އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.

ނަވީން ހިދުމަތުން ރިޓަޔާ ކުރައްވާފައިވާއިރު، އޭނާއާ އެކު ފުލުހުންގެ އިސް 7 އޮފިސަރަކު ސަސްޕެންޑް ކުރަން ރައްޔިތުންގެ މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައެވެ.

ސީޕީ ނަވީނާއި އެހެން އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ނިންމާފައި ވަނީ އެ ކޮމިޓީން ބަލަމުންދާ ފުލުހުންގެ ކުންފުނި ޕޮލްކޯ އިން ހިންގާފައިވާ ކޮރަޕްޝަންއާ ގުޅުން ހުރި މައްސަލަތަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ޕޮލްކޯއާ ގުޅިގެން ބަލަމުން އަންނަ މައްސަލަތަކުގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަދި ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާ މުހައްމަދު ދާއޫދާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނުހައްގުން ހޯދާފައިވާ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ވެސް ދާދި ފަހުން ވަނީ ފާހަގަވެފައެވެ.