މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރަމުންދާ ސަރަހައްދު އާއްމުންނަށް ހުޅުވާލައިފިއެވެ.

މިކަމާ ބެހޭ ގޮތުން އެކްސް ގައި ޕޯސްޓްކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި، 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހު ފަތިހު 5:00 އިން ފެށިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި ޢާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެސަރަހައްދުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ގޮތުގައި އިއްޔެ ވަނީ ގަސް އިންދުމުގެ ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

މިއީ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް ނިމުނުކަން ފާހަގަ ކުރުމުގެ ގޮތުން ހިންގުނު ހަރަކާތެކެވެ. މި ހަރަކާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި ސަރުކާރުގެ ވަޒީރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ އަދި ސަރުކާރު ބައެއް ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވިއެވެ.

މީގެ 25 ވަރަކަށް އަހަރު ކުރިން ޕޭމަންޓުގާ އަޅައިގެން ހަދާފައިވާ ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއް އަދިވެސް އޮތީ ޒަމާނާ އެކަށޭނަ ފެންވަރަށް ތަރައްގީ ނުކުރެވިއެވެ. ތޮއްޖެހިފައިވާ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް މިކަމުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް ބޮޑެތި ތަކުލީފުތަކެއް ތަހައްމަލު ކުރަންޖެހިފައިވާ އިރު، މަގުގައި އަޑިގުޑަންތައް ގިނަވުމާއި ދުއްވަން އޮންނަ ޖާގަ އާދަޔާ ހިލާފަށް ހަނިވުމުގެ އިތުރުން، ޕާކުކުރާނެ ޖާގަ އެއްގޮތަކަށް ވެސް ނުލިބުން ފަދަ އެތައް އުނދަގުލެއް އާންމުންނަށް ވަނީ ކުރިމަތިވެފައެވެ. މީގެ އިތުރުން ބޯކޮށް ވާރޭ ވެހިއްޖެ ނަމަ މާލޭގެ ބޮޑު މަގުގެ އުތުރުފަރާތުގައި ފެން ބޮޑުވާ މައްސަލައަކީ ވެސް ހައްލުނުވެފައި އޮތް މައްސަލައެކެވެ.

ނަމަވެސް މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް ފެށި މަޝްރޫއާއެކު ރޯދައިގެ ކުރިން މާލެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް 1 އަދި 2 ފުޅާކޮށް ތާރުއަޅައި މި ވަނީ ނިންމާލާފައެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔަ އެމްޓީސީސީން ބުނީ، އެ ސަރަހައްދުގައި ދުއްވާ ތަކެއްޗަށް މަގުގެ ދެކޮޅުން މިހާރު ފަސޭހަކަމާއެކު ހިތްހަމަޖެހިލައިގެން ދުއްވޭނެ ކަމަށެވެ. ޕާކު ކުރުމަށް ވެސް ޖާގަ އިތުރުވެ، މަގު ބޭނުންކުރުމަށް ވެސް ވަނީ އިތުރު ލުޔެއް ލިބިފައި ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއްގެ މަސައްކަތް ނިންމާފައި / ފޮޓޯ: އެމްޓީސީސީ

މިއީ މާލޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެންމެ ކާރުބާރު ބޮޑު އެއްސަރަހައްދެވެ. އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީވުމުގެ ސަބަބުން އޮޑިދޯނި ފަހަރާއި، ވިޔަފާރިވެރިންނަށާއި އަދި އާންމު ރައްޔިތުންނަށް ވެސް މުދާ އުފުލާ ބާލައި ހެދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމާ ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ސްކޯޕުގެ ދަށުން 830 މީޓަރުގެ މަގެއް ވަނީ ހަދާ، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ވަނީ ކޮށްފައެވެ. އަދި، ސަބްބޭސް އާއި އޭބީސީ ތައްޔާރުކޮށް ތާރު އަޅާ، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކޮށް، ފެންހިންދާ ނިޒާމެއްވެ ސް ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން، ޑްރޭއިނޭޖް ސާވިސްލައިން އެޅުމާއި، މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ. މި މަޝްރޫއަކީ 144.50 މިލިއަން ރުފިޔާއަށް 455 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެއް، ނަމަވެސް މި މަޝްރޫއު ވަނީ ދީފައިވާ މުއްދަތަށް ވުރެ ކުރިން ނިންމާ ސަރުކާރާ ހަވާލުކޮށްފައެވެ.

އެމްއެމްއޭ ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމަށް ތައްޔާރުވެފައި / ފޮޓޯ: އައިޝަތު ޝާޒްލީން - ދަ ޕްރެސް

މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ނިންމާ އާންމު ރައްޔިތުންގެ ބޭނުމަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ މިއަދުއެވެ. މި މަޝްރޫއުގެ ސްކޯޕުގެ ދަށުން 254 މީޓަރުގެ މަގެއް ހަދާ، 260 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ވަނީ ކޮށްފައެވެ. އަދި ސަބްބޭސްއާއި އޭބީސީ ތައްޔާރުކޮށް ތާރު އަޅާ، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކޮށް، ފެންހިންދާ ނިޒާމެއް ވެސް ވަނީ ގާއިމު ކޮށްފައެވެ.

މީގެ އިތުރުން، ޑްރޭއިނޭޖް ސާވިސް ލައިން އެޅުމާއި، މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ. މި މަޝްރޫއަކީ 55.95 މިލިއަން ރުފިޔާއަށް 210 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލު ކުރި މަސައްކަތެއް ކަމުގައި ވީ ނަމަވެސް އެމްޓީސީސީ މުވައްޒަފުން ގައުމީ ހިދުމަތުގެ ރޫހުގައި ނިކުމެ ރެކޯޑު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް މިވަނީ ނިންމާ ސަރުކާރާ ހަވާލުކޮށްފައެވެ.

މި މަސައްކަތް ނިންމުމަށްޓަކައި ކޮންސްޓަރަކްޝަން މިނިސްޓްރީ އާއި އަދި އެހެނިހެން ސަރުކާރުގެ އެސްއޯއީތަކުން ދިން އެހީތެރިކަން ފާހަގަކޯށް އެމްޓީސީގެ މެނޭޖްމަންޓުން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.