މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރުމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހސެއިން ޒިޔާދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހުން ބޭރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ދަނިކޮށް އިދިކޮޅު އެމްޑީޕީ މެންބަރުން ދަނީ އަޑުގަދަކޮށް، ދުންމާރި ފުމެމުންނެވެ.

އެއާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީކާއިލް އާއި ޒިޔާދަށް ނަސޭހަތް ދެއްވުމަށްފަހު ވެސް ތަކުރާރުކޮށް ދުންމާރި ފުމުމުން އެ ދެ މެންބަރުން ވެސް ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ. މީގެ އިތުރުން ވެސް އިދިކޮޅު މެންބަރުން ވަނީ ރައީސްގެ އިސްތިއުފާއަށް ގޮވާލައްވާ އެ މެންބަރުން ވަނީ ރައީސްގެ ޕޯޑިއަމް ކައިރިއަށް އެއްވެފައެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވަވަމުންދަނީ އެ މަނިކުފާނުގެ ތިން ވަނަ ރިޔާސީ ބަޔާނެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ފާއިތުވި އަހަރު ގައުމުގެ އެތައް ކަމެއް އިސްލާހުކޮށް، ތަރައްގީކޮށް ކުރިއަރުވައިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދ ިއިތުރު ކަންކަން މި އަހަރު ކުރިއަށްގެންދާނެ ގޮތް ހާމަކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ 8 މިސްކިތެއް އަޅައި ނިންމައި ހުޅުވާނެ ކަމަށާއި މާލެ ސަރަހައްދުގައި ހުރި މިސްކިތްތަކުގެ ތެރެއިން 800 މީހުންގެ ޖާގައިގެ މިސްކިތްތައް އޭސީކޮށް ނިންމާނެ ކަމަށް ރައީސް ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.