ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު ނިޔާވި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނެފިއެވެ.

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ މިއަދު ހެނދުނުއެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ހާލުދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެފައިވަނީ ދަފްތަރު ނރ. 439 / އިބްރާހިމް ސުހެއިލް (53އ) ކަމަށެވެ.

އެގޮތުން ސުހެއިލްގެ ހާލުދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންތާ ހަފްތާއެއް ވެފައިވާކަމަށާއި، ސުހެއިލް އަކީ 2025 ގައި ސްޓްރޯކެއް ޖެހިގެން އެކަމަށް ފަރުވާ ހޯދަމުން އައިމީހެއް ކަމަށްވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ. އަދި އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެންކަމަށްވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ކަރެކްޝަންސް އިން ބުނީ ސުހެއިލް ނިޔާވުމާއި ގުޅިގެން ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް އަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސަރވިސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާކަމަށެވެ.

މިކަމާ ގުޅިގެން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެފައިވާކަމުގެ މައްސަލަ އެ ކޮމިޝަނަށް ލިބިފައިވާކަމަށާއި، މިކަން ހިނގާ ދިޔަ ގޮތް ދެނެގަތުމަށް ކޮމިޝަނުގެ ކުއްލި ހާލަތުގައި އިޖާބަ ދޭ ޓީމުން ހަރަކާތްތެރިވަމުން ދާކަމަށެވެ.