ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފަށާފައި ވަނީ މިދިޔަ އޮގްސްޓު މަހުގެ ތެރޭގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއާއެވެ.

3 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމާ އާންމުންނަށް ހުޅުވާލާފައިވާއިރު މިހާރު ކުރިއަށްދަނީ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. އެއީ ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިގެން، ނޯތު ހާބަރަށް ހިމެނޭ ސަރަހައްދެވެ. މި ސަރަހައްދުގައި ހިމެނޭ 250 މީޓަރު ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ލޭނަކަށެވެ. އަދި ރޯދައިގެ ކުރިން މި ފިޔަވަހީގެ މަސައްކަތް ނިންމާ، އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެ ކުންފުނިން ބުނީ، ބޮޑުތަކުރުފާނު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި މިހާރު 48 މީޓަރުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށް އެ ކުންފުނިން އިތުރަށް ބުނީ، ހިނގާބިނގާވެ އުޅުމަށް މަގު ފަހިކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތުގެ ވެސް 50 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ތެރެއިން

މުޅި މަޝްރޫއު ނިމޭއިރު 1088 މީޓަރުގެ ސަރަހައްދެއް ބޮޑުތަކުރުފާނު މަގުން ތަރައްގީކުރާނެއެވެ. މަގުހެދުމުގެ މަސައްކަތަށް މަގު ބަންދު ކުރުމުން، ޓްރެފިކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޗައިނާއިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.