ސިނަމާލެ ހައިވޭގައި ހުރި ސޯލާ ޕެނަލެއްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 08:34 އެހާއިރު ކަމަށެވެ. އަދި ފަޔަފައިޓަރުން ކުރި މަސައްކަތުން ސޯލާ ޕެނަލުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 08:45 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
ސިނަމާލޭ ބުރިޖުގެ ހައިވޭގެ އެއާޕޯޓު ޓްރެފިކް ލައިޓުގެ އިރުމަތީ ފަރާތުން ހުޅުމާލެއަށް ދާން އޮންނަ ލޭނުން ފެށިގެން ހުޅުމާލެއަށް އަރާ މަގުގެ އެއްބައިގައިވެސް ވަނީ ސޯލާ ހަރުކޮށްފައެވެ.
މިއީ ވޯލްޑް ބޭންކާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ހިންގާ އެކްސްލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންގޮސްފައިވާ މަސައްކަތަކަށްވާއިރު ސޯލާ ޕެނަލްތައް ނަގައި ދެ ރަށަކަށް ބަދަލު ކުރުމުގެ މަޝްވަރާތައް މީގެ ކުރިން ކޮށްފައި ވެއެވެ.
