ލ. ގަމުގެ އިރުން ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ގަމުގެ އިރުން "އިންޓަރގްރިޓީ ސްޓަރ" ނަމަކަށް ކިޔާ ކާގޯ ބޯޓެއް އޮޔާދާކަމަށާއި، މި ބޯޓު އޮޔާދަނީ ލ. ގަމުގެ އިރުން ގާތްގަނޑަކަށް 48 މޭލު ބޭރުން އުތުރުން ދެކުނަށް ކަމަށެވެ.
އެއާއެކު ފުލުހުން ވަނީ މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އަދި ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
ލ. ގަމުގެ އިތުރުން ފުވައްމުލައް ސިޓީ އިން މަސްބާނަން ނިކުމެ އުޅުނު "ސަވާރީ" ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މި ދޯނި އޮޔާ ދާކަމުގެ މައުލޫމާތު މިއަދު 15:50 އެހާކަންހާއިރު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން އެސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް ލޯންޗުގައި ފުވައްމުލަކަށް ގެނެސްފައިވާކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ 7 އަންހެނުންނާއި ކުޑަކުއްޖެއް. އަދި އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު ސަވާރީ ދޯނި މިހާރުވަނީ ފުވައްމުލަކަށް ގެނެސްފައިކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ މި ދޯނިން ދަތުރުކުރި ހުރިހާ އެންމެންގެވެސް ހާލު ރަނގަޅު ކަމަށް މައުލޫމާތު ދީފައެވެ.
