ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 202،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ހީމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ބިދޭސީންގެ މައްސަލަ އޮތީ އަޑި ނޭނގޭ ހިސާބެއްގައި ކަމަށާއި އެ ވަގުތު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ގަވާއިދާ އެއްގޮތަށް ތިބި ބިދޭސީން ދެނެނުގަނެވޭ ކަމަށެވެ. އެމީހުން އުޅޭ ތަންތަނާއި އެމީހުންނާ ބެހޭ މައުލޫމާތު ވެސް ސައްހަ ގޮތުގައި އޭރު ބެލެހެއްޓިފައި ނެތް ކަމަށް އިހުސާން ވިދާޅުވިއެވެ. އޭރު ޔަގީން ކަމާއެކު އެނގެން އޮތީ އެ ދުވަހާ ހަމައަށް ދޫކުރެވިފައިވާ ވާކްޕާމިޓްގެ އަދަދު އެކަނި ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
މިކަމަށް ހައްލެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާގެ މަތިން މެއި 2، 2024 ގައި ފެށި އޮޕަރޭޝަން ކުރަނގި އަކީ 3 އަހަރުތެރޭ މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ އަމާޒުގައި ފެށި އޮޕަރޭޝަނެއް ކަަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން ފުރަތަމ ފެށީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ނެގުމާއި މުޅި ރާއްޖެ ހިމެނޭހެން ރަށްރަށާއި، ރިސޯޓްތަކާއި އިންޑަސްޓްރިއަލް ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތު ނެގުމަށް ހަމަޖެހިފައިވާ ކަަމށް ވެސް އިހުސާން ވިދާޅުވިއެވެ.
އެގޮތުން މިއަދާ ހަމައަށް އައި އިރު ކުރި މަސައްކަތުން 202،000 ބިދޭސީ މަސައްކަތްތެރިންގެ އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް އުލޫމާތުތައް ސިސްޓަމްތަކުގައި އަޕްޑޭޓް ކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު ޓާގެޓް ކުރި ތާރީހަށް ވުރެ ކުރިން މި މަސައްކަތް ނިންމާލެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
ހަމައެއާއެކު ދެން ފަށަނީ މި އޮޕަރޭޝަންގެ ދެވަނަ ފޭސް ކަމަށާއި އެއީ އަންނަ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް 2 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ އޮޕަރޭޝަނެއް ކަަމަށް އިހުސާން ވިދާޅުވިއެވެ. 3 މަސް ދުވަހުގެ ތެރޭގައި ހާއްސަ މަސައްކަތެއް ކުރަން ނިންމާފައިވާ ކަން އިހުސާން އިއުލާން ކުރެއްވިއެވެ. އެއީ މިހާރު ބަޔޯމެޓްރިކްސް ދީފައިވާ ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން ކުރާ މަސައްކަތް ކަމަށް އިހުސާން ވިދާޅުވިއެވެ.
މި އޮޕަރޭޝަންގެ ފަހު ފޭސް ކުރިއަށް ދާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން މެއި 1، 2027 ގެ ނިޔަލަށް ކަަމަށް އިހުސާން ވިދާޅުވިއެވެ. އެއީ އެ ވަގުތާ ހަމައަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް ތިބި ހުރިހާ ބިދޭސީން ހިފާ ހައްޔަރު ކުރުމުގެ މާސް އޮޕަރޭޝަނެއް ކަމަށް އިހުސާން ވިދާޅުވިއެވެ. މި އޮޕަރޭޝަން ނިމިގެން ދާ އިރު ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީ ކާކުކަން އެނގޭ 100 ޕަސެންޓް ބަޔޯމެޓްރިކަލް ޑޭޓާއެއް ހިމެނޭނެ ކަމަށާއި ބިދޭސީންގެ މައުލޫމާތާ ގުޅިގެން ސަރުކާރަށް ޖަވާބުދާރީ ވެވޭ ފަދަ ގޮތަކަށް ކަންކަން ރޭވިގެން ދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
