މަސްތުވާތަކެއްޗާ ހަވާލުވި އަންހެނަކު 18 އަހަރަށް ޖަލަށްލުމާއެކު 75،000ރ. އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

މިފަދައިން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ގއ.ކަނޑުހުޅުދޫ ކަށިކެޔޮމާގެ، އަޒްމާ ޝަރީފް އަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އަޒްމާ ވަނީ ފެޑެކްސް މެދުވެރިކޮށް. އެހެން މީހެއްގެ ނަމުގައި މަސްތުވާތަކެތި ހުރި ފޮށިގަނޑަކާ ހަވާލުވެފައި ކަމަށެވެ.

2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މި ފޮށިގަނޑާ ހަވާލުވެފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ އެ ފޮށިގަނޑުގައި މަސްތުވާތަކެތީގެ ބާވަތެއް ކަަމަށްވާ އެމްޑީއެމްއޭ ހުރުމުން އޭގެ ވެރިފަރާތް ހޯދުމަށް ކަސްޓަމްސް އާއި ގުޅިގެން އޮޕަރޭޝަނެއް ހިންގި ކަމަށާއި، އެ އޮޕަރޭޝަންގައި އެ ފޮށިގަނޑާއި ހަވާލުވާން އައީ އަޒްމާ ކަމަށެވެ.

މިކަމާ ގުޅިގެން އަޒްމާ ވަނީ އެ ފޮށިގަނޑާ ހަވާލުވާން ދިޔައީ ރައްޓެއްސަކު ބުނެގެންކަމަށް ބުނެފައެވެ. ނަމަވެސް ފުލުހުން ވަނީ ފޮށިގަނޑު އައިސްފައި އޮތީ ވެސް ފާތިމަތު ޖަމީމާ ނަމަަަކަށް ކިޔާ މީހެއްގެ ނަމުގައި ކަމަށާއި، އަޒްމާ މެދުވެރިކޮށް އެ މީހާއާ އެ ފޮށިގަނޑު ހަވާލުކުރަން ކުރި މަސައްކަތަށް އަޒްމާ އެއްބާރުލުން ނުދިން ކަމަށެވެ. އަދި އަޒްމާގެ ފޯނުގެ ކޯޑް އެވަގުތު ފުލުހުންނަށް ދޭން އިންކާރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ފޮށިގަނޑުގެ ވެރިފަރާތް ސާބިތުކުރަން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށާއި، އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އަޒްމާއަށް އެނގޭކަމަށެވެ. އެއާއެކު އަޒްމާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާ 18 އަހަރަށް ޖަލަށްލުމާއެކު 75،000ރ. އިން ޖޫރިމަނާއިން ޖޫރިމަނާކުރުމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.