ފުޓްބޯޅައިގެ ދުނިޔޭގެ އައިކަން އެއްގެ ގޮތުގައި ބަލައި އާޖެންޓީނާގެ ލިއޮނެލް މެސީ އިންޑިއާ އަށް ކުރި ދަތުރު އިންތިޒާމު ކުރި ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިންޑިއާގެ ބޮޑެތި ބައެއް ސިޓީތަކަށް ޒިޔާރަތް ކުރުމަށް މެސީ ފެށި ދަތުރުގައި މިދިޔަ ހޮނިހިރު ދުވަހު ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމް އަށް ދިޔުމުން، އޭނާ އާ ބައްދަލުކުރަން ސަޕޯޓަރުންނަށް ލިބުނު ވަގުތުގެ ކުޑަކަމާހުރެ ހިންގި ހަމަ ނުޖެހުމުގައި އެ ސްޓޭޑިއަމްގެ މުދަލާއި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އެވްރެޖްކޮށް ހަފްތާއަކު މީހަކަށް ލިބޭ އާމްދަނީއަށް ވުރެވެސް ބޮޑު އަގެއް (3500 ރުޕީސް ނުވަތަ 38.65 އެމެރިކާ ޑޮލަރަށް) ޓިކެޓް ވިއްކައިގެން ބޭއްވި އެ އިވެންޓުގައި މެސީ، ދަނޑުމަތީގައި ހުރީ 20 އަށް މިނެޓަށެވެ.

ދަނޑަށް ވަން ފޭނުން ހިތްހަމަ ނުޖެހުނީ، އެމީހުންގެ އާމްދަނީގެ ބޮޑެބައެއް ހޭދަކޮށްގެން ގަތް ޓިކެޓާ އެއްވަރަށް މެސީ ބަލާލަން ފުރުސަތު ނުލިބުމާއި، މެސީގެ ސެކިއުރިޓީ އާ ހެދި، އޭނާ ރަނގަޅަށް ފެންނަ ގޮތް ނުވުމުންނެވެ. ބައެއް ފޭނުންނާ ހަވާލާދީ މީޑިއާތަކުން ބުނާގޮތުން، ބައެއް މީހުން ޓިކެޓު ގަތީ ބްލެކް މާކެޓުގައި ޓިކެޓެއް 130 ޑޮލަރަށް ވުރެވެސް ބޮޑުކޮށެވެ.

އިވެންޓް އޯގަނައިޒަރު ސަތަރު ދައްތާ، މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު ފުލުހުން ބުނެފައިވަނީ، އެ މައްސަލަ ނުބަލައި ދޫކޮށް ނުލާނެ ކަމަށެވެ. ކޮލްކަތާ ހިމެނޭ ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމަތާ ބެނަރްޖީ ވަނީ މެސީގެ ކިބައިން މައާފަށް އެދިވަޑައިގެން އެ ހާދިސާ ތަހުގީގު ކުރަން އަންގަވާފައެވެ.

މެސީ އިންޑިއާ އަށް ކުރި ދަތުރަކީ، ކޮލްކަތާ، ހައިދްރަބާދު، މުމްބައި އަދި ނިއު ދިއްލީގައި އިންތިޒާމު ކުރި ކޮންސަޓު، ޒުވާނުންގެ ފުޓްބޯލް ކްލިނިކް، ޕެޑަލް ޓޯނަމަންޓް އަދި ހިލޭ އެހީދޭ އެކިއެކި ހަރަކާތްތަކެއްގައި ބައިވެރިވުމަށް ކުރި ދަތުރެކެވެ.

ކްރިކެޓުގެ ރަސްގެފާނުގެ ގޮތުގައި ދެމި އޮންނަ އިންޑިއާގެ ވެސްޓް ބެންގާލަކީ ފުޓުބޯޅައަށް ވެސް ލޯބިކުރާ ބޮޑު އާބާދީއެއް އޮންނަ ސަރަހައްދެކެވެ. މެސީގެ ކޮލްކަތާ ދަތުރުގައި އޭނާ ވަނީ ކޮލްކަތާއިން އޭނާގެ ސިފައަށް ހަދާފައި ހުރި 70 ފޫޓުގެ ބޮޑު ބުދެއް ހުންނަ މޮނިއުމަންޓެއް ވެސް ހުޅުވާފައެވެ.