ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި ދެ ވިޔަފާރިން ކަމުގައިވާ މުހައްމަދު ވަހީދު (ދިގަލި) އަދި އަހުމަދު އާރިފް (އާއްޓޭ) މިއަދު ބަންދުން ދޫކޮށްލައިފިއެވެ.
މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި ޖުމްލަ 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިންނާއި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން ކަސްޓަމްސް މުވައްޒަފުން ވެސް ހިމެނެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި 9 މީހުންނަކީ:
- މުހައްމަދު ވަހީދު (ދިގަލި) - ފަންޑު ކުރިކަމަށް ތުހުމަތުވާ މީހެއް
- އަހުމަދު އާރިފް (އާއްޓޭ) - ފަންޑު ކުރިކަމަށް ތުހުމަތުވާ މީހެއް
- ޒިވާރު އިސްމާއިލް - ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ އިސް މުވައްޒަފެއް
- މުއާޒް އަލީ - ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް
- ހަސަން އަބްދުއްރަހްމާން - ވައްކަން ކުރުމަށް އެހީތެރިވި ކަމަށް ތުހުމަތުކުރާ މީހެއް
- އާދަމް ވަހީދު - ސިނގިރޭޓް ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން
- އަހުމަދު ޝަހީމް - އެމްޕީއެލްގެ މުވައްޒަފެއް
- އަހުމަދު ފިރުޝާން - އެމްޕީއެލްގެ މުވައްޒަފެއް
- ހުސައިން ސާމިހް - އެމްޕީއެލްގެ މުވައްޒަފެއް
މިކަމާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ގިނަ އަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލާގައި އެގާރަ މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި ފުލުހުން ހުށަހަޅާފައިވާކަމަށެވެ. ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ދައުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާކަމަށާއި، ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ އާއްޓޭ އަދި ދިގަލި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީކަމަށެވެ.
މީގެއިތުރުން ޕީޖީ އޮފީހުން ބުނީ ހަސަން އަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީކަމަށާއި، އަދި މުހައްމަދު ޝަރީފަކީ މި މައްސަލަ މި އޮފީހަށް ހުށަހެޅުނުއިރު ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖައާކުރަންޖެހޭ ހާލަތެއްވެސް ނެތް ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ދައުވާކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިހާރު ބަންދުގައި ތިބި މީހުންގެ ބަންދާމެދު ތަފާތު ގޮތަކަށް ނިންމަންޖެހޭނަމަ އެ މީހުންގެ ބަންދު މި އޮފީހުން މުރާޖައާކުރާނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. ތިލަފުށީގެ އެކިއެކި ސައިޓުތައް ބަލައިފާސްކުރުމަށް އޮކްޓޯބަރު 19، 2025 ވަނަ ދުވަހުގެ އޮޕަރޭޝަންގައި ފެނުނު ދެ ކޮންޓެއިނަރުގެ ބައިތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
2 ކޮންޓޭނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލަ އަކީ، މިދިޔަ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ، އެ 2 ކޮންޓޭނަރު ބަލަހައްޓާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ހަވާލު ކޮށްފައި ހުއްޓާ ވަގަށް ނެގި މައްސަލައެކެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އޮކްޓޯބަރު 09، 2025 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
