ނިދާ ކޮޓަރީގައި ކުރުނބާ ފަނި ތައްޔާރުކޮށް ވިއްކާ ބަޔަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 2 ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މިތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބަލުގެ އިތުރުން ހުސްފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބިދޭސީން ދިރިއުޅެމުންދިޔަ އެތަނަކީ ކުރުނބާ އަދި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދާ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ސާފުތާހިރުކަން ކުޑަ ގޮތެއްގައި ކާބޯތަކެތި ތައްޔާރުކުރަމުންދާ ބިދޭސީން ހައްޔަރުކޮށް، އެފަދަ މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ފުލުހުންނާއި އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް ވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.
