ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި މައިކަށް ގެއްލުންދިން މައްސަލާގައި ހަތަރު މެންބަރަކަށް ފިޔަވަޅު އަޅަން މަޖިލީހުގެ ސުލޫކީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންސް ބިލު" ފާސްކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިޔާލު ތަފާތުވުން ބޮޑުވެ، ހިނގި ހަމަނުޖެހުުމުގައި މައިކްރޮފޯނަކަށާ ދެ މައިކްރޮފޯނުގެ ބޭސްއަށް ވަނީ ގެއްލުންވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީން އަބްދުﷲ ގެ ފަރާތުން މިމައްސަަލަ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމީޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ ލަފައެއް ހޯއްދެވުމަށެވެ.
އެ މައްސަލާގައި ފިޔަވަޅު އަޅަން ނިންމާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، އަދި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރަށެވެ. އެ މައިކް ސިސްޓަމްގެ އަގަކީ 34،800 ރުފިޔާ ކަމުގައި ވާއިރު ކޮމިޓީން ނިންމާފައި ވަނީ ތިން މެންބަރުންނަށް ބަހާލައިގެން އެ އަގު މަޖިލީހަށް ދެއްކުމަށެވެ.
މީގެ އިތުރުން ދެން ފިޔަވަޅު އަޅަން ނިންމީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދަށެވެ. މަޖިލީހުގެ ޖަލްސާއެއްގައި މައިކަށް ގެއްލުން ދިން މައްސަލައެއްގައި އޭނާ އަށް ފިޔަވަޅު އަޅަން ނިންމާފައި ވާއިރު އެ މައިކްގެ އަގަށްވާ 3،000 ރުފިޔާ ދައްކަން އެންގުމަށް ކޮމިޓީއިން ވަނީ ނިންމާފައެވެ.
