އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރި މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރި މުޖުތަމައެއް ބިނާ ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އެގޮތުން އަންހެނުންނާއި އަންހެން ކުދިން ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާއެކު ދިރިއުޅުން ދުވަހެއް ދުވަހަކަށް ގުޅިލާމެވިގެން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން އޮންލައިންކޮށް ބިރު ދެއްކުމާއި އަމިއްލަ ފައިދާއަށް ނުވަތަ ނާޖާއިޒު ގޮތުގައި މީހުންގެ ފައިދާ ނެގުމުގެ ނުރައްކާތައް އިތުރުވަމުންދާ ކަމަށެވެ.
ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުވައި، ކުރިއަރައި ދިއުމަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭން ޖެހޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އަންހެނުނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. އެގޮތުން މިއަދަށް ހާއްސަކޮށްފައިވާ ޝިއާރަކީ "ޔުނައިޓް ޓު އެންޑް ޑިޖިޓަލް ވައިލެންސް އަގައިންސްޓް އޯލް ވިމެން އެންޑް ގާލްސް" އެވެ.
