ޔުއެފާ ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މާސްޓާކާޑާ ގުޅިގެން ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ބީއެމްއެލް އީއެންވީ ޕީއޯއެސް އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބީއެމްއެލް މާސްޓާކާޑުގެ ޕާސަނަލް ކާޑުތަކުން ކުރާ ޓްރާންސެކްޝަންތައް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަން ނިމުމުން މާސްޓާކާޑުން ފޯރުކޮށްދޭ ހާއްސަ ފުރުސަތަކުން އަންނަ އަހަރު ޕެރިހުގައި ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕީއެސްޖީ އަދި ނިއުކާސަލް ވާދަކުރާ މެޗު ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ 2 ނަސީބުވެރިން ހޮވާނެ ކަމަށެވެ.

އެގޮތުން ގްރޭންޑް ވިނާގެ ގޮތުގައި ހޮވޭ ފަރާތަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް 4 ދުވަހުގެ ދަތުރެއް ލިބޭނެކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. އެއީ އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓެލްއެއްގައި ހުރުމުގެ ފުރުސަތުގެ އިތުރުން ގައިޑެޑް ޓުއާއެއް ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް 3 ދުވަހުގެ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓެލްއެއްގައި ހުރުމުގެ ފުރުސަތުކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާއެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.

އެގޮތުން ބީއެމްއެލްއިން މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރެއެވެ. އަދި މާސްޓަރކާޑާ ގުޅިގެން މިފަދަ ޕްރޮމޯޝަންތަކުން ކަސްޓަމަރުންނަށް އަގުހުރި ތަޖުރިބާތައް ފޯރުކޮށްދެއެވެ.