ރާއްޖެ އެތެރެކުރާ ކޮންޓެއިނާތައް ސްކޭން ކުރާ ސިސްޓަމަށް 51 މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި، އެ ސްކޭން ސިސްޓަމްގެ ސަބަބުން ރަނގަޅު ވިޔަފާރިވެރިން ސާފުވާނެ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ކަސްޓަމްސްއިން މިފަދައިން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މިއަދުގެ ބައްދަލުވުމަށް ވަނީ ކަސްޓަމްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސް އޮފިޝަލުން ހާޒިރުކޮށްފައެވެ.

އެގޮތުން ކޮމިޓީގައި ވާހަކަދައްކަވަމުން ކަސްޓަމްސްގެ ބަޖެޓު ކަންކަން ބެލެހެއްޓުމުގައި އިސްކޮށް އުޅުއްވާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަލީ ވިދާޅުވީ، ސްކޭން ސިސްޓަމާއި ގުޅޭ ގޮތުން މީގެ ކުރިން ކަސްޓަމްސް އާއި ފިނޭންސާ ދެމެދު މަޝްވަރާ ކުރައްވާފައިވާނެ ކަމަށާއި މުޅި ޕްރޮސެސްގައި ޖުމްލަ ހަރަދަކަށް 51 މިލިއަން ރުފިޔާ އަރާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޖުމްލަ އަދަދު ނުލިބި އެކަން ނުކުރެވޭނެ ވާހަކަ ވެސް ފިނޭންސާ ހިއްސާ ކޮށްފައިވާނެ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ބަޖެޓް ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް ވިދާޅުވީ، އެކަމަށް ބޭނުންވާ ފައިސާ އެއްފަހަރާ ހަމަނުޖެހުނު ނަމަވެސް، އެކަމަށް ހިނގާ ހަރަދު ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން ފިނޭންސުން ދީފައިވާކަމަށެވެ. އެގޮތުން އެ މަސައްކަތަށް ފުރަތަމަ ބޭނުންވާ 15 މިލިއަން ހަމަޖައްސައިދޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"އެއް ގޮތަކީ، އެމީހުން ރާވާފަ އޮތީ އެމްޕީއެލްގެ ތެރެއިން އެބައި ކަވަރުކުރާ ގޮތަށް އިނގޭތޯ. ދެވަނަ ގޮތަކަށް އޮތީ ފިނޭންސް މިނިސްޓްރީން އެކަން ކޮށްދޭ ގޮތަށް. ކޮންމެ ގޮތެއް ވިޔަސް އެކަން އޮތީ ވާ ގޮތަށް. ޓެންޑާއެއް ކޮންގެން ވެސް އެންމެ ފުރަތަމަ ނުޖެހޭނެ ކަންނޭނގެ އެއްކޮށް ދޭކަށެއް ލާރިއެއް،"
މެންބަރު ސަލީމް
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި

ކަސްޓަމްސް އިން ދެން ފާހަގަކުރި މައިގަނޑު ކަންބޮޑުވުމަކީ ޖާގައިގެ ދަތިކަމެވެ. އެގޮތުން ކޮންޓޭނާ ސްކޭނަރު ބަހައްޓަން 10 މީޓަރުގެ ޖާގައެއް ބޭނުންވާ ކަމަށާއި ސްކޭނަރުގެ ރޭޑިއޭޝަން އިން ސަލާމަތްވުމަށް 50 މީޓަރުގެ ޖާގައެއް ބޭނުންވާކަން ކަސްޓަމްސް އިން ފާހަގަކުރި އެވެ. ނަމަވެސް، 10 މީޓަރުގައި ލެޑް އިންސިއުލޭޓެޑް ފާރެއް ބެހެއްޓުމުން 50 މީޓަރުގެ ޖާގަ ބޭނުންނުވާނެ ކަން ކަސްޓަމްސް އިން ވަނީ ފާހަގަކޮށްފަ އެވެ.

ޖާގައިގެ ދަތިކަން އޮތްކަން ފާހަގަކޮށް އެމްޕީއެލްއިން ވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެންމެ ރަނގަޅު ފެންވަރުގެ މެޝިނެއް މާލޭގެ ބަނދަރެއްގައި ނުބެހެއްޓިދާނެ ކަމަށާއި އޭގެ ބަދަލުގައި މިހާރަށް ބަލަނީ މޮބައިލް ނުވަތަ އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ގެންދެވޭ ކަހަލަ ސްކޭނަރެއް ހޯދުމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.

ކޮންޓެއިނަރު ސްކޭން ކުރާ ސިސްޓަމް ބެހެއްޓުމުން، ރަނގަޅު ވިޔަފާރިވެރިންނާއި ސުވާލު އުފެއްދޭ ވިޔަފާރިވެރިން ސާފުވާނެ ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އަދި އެކަމާ ގުޅިގެން ކޮމިޓީގައި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އަބްދުﷲ މަފާޒް ވިދާޅުވީ، ކޮންޓެއިނާ ސްކޭނަރު އިންސްޓޯލް ކުރުމުން، ކަސްޓަމްސްގެ މަސައްކަތްތައް ފޯކަސް ކުރަން ޖެހޭ ކަންކަން ވެސް އިތުރަށް ސާފުވާނެ ކަމަށެވެ. ހަމަ އެހެންމެ ކަސްޓަމްސްއާ ގުޅޭ ގޮތުން ގޯސް އަޑުތައް އިވުނަސް ގިނަ މުވައްޒަފުންނަކީ އިހުލާސްތެރި މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި އެ މުއައްސަސާގެ މުވައްޒަފުންނަކީ ގަދަރުވެރި މަސައްކަތްތަކެއް ކުރަން ބޭނުންވާ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.