މިސްޓާ މޯލްޑިވްސް ކާމިޔާބު ކުރާނެ ކަމަށް މަންމަ ގާތު ވައުދުވިން ކަމަށާއި މި ހުވަފެން ހާސިލް ކުރުމަށް 9 އަހަރު ދުވަހު ހިތްވަރާއެކު ބުރަ މަސައްކަތެއް ކުރި ކަމަށް މިއަހަރުގެ މިސްޓާ މޯލްވިސް އަޒްނީން ރަޝާދު ބުނެފިއެވެ.

ރޭ ކުރިއަށް ދިޔަ 23 ވަނަ ގައުމީ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 މުބާރާތުގެ މިސްޓާ މޯލްޑިވްސް 2025 ޓައިޓަލް ވަނީ އަޒްނީން ކާމިޔާބުކޮށްފައެވެ. އެތައް ދުވަހެއްގެ އުންމީދު ހާސިލް ވުމާއެކު އޭނާގެ މަންމަ އާ ބައްޕައާ އެކު ސްޓޭޖްމަތީގައި ފޮޓޯއަކަށް ހުއްޓުނު ވަގުތު އަޒްނީން ވަނީ އެ ޓްރޮފީ މަންމަގެ އަތަށް ދިނުމަށް ފަހު އެއް އަތުން އޭނާގެ މަންމަ އުރާލާފައެވެ.

މިސްޓާ މޯލްޑިވްސް 202 އަޒްނީން ރަޝާދު އޭނާގެ މަންމަ އުރާލައިގެން

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ފޮޓޯއަށް އެތައް ބައެއްގެ ތައުރީފާއި ލޯތްބާއި ކާމިޔާބިގެ ޝުއޫރުތައް ދަނީ ބަންޑުން ކުރަމުންނެވެ.

އެންމެ ފުރަތަމަ އަޒްނީން މިސްޓާ މޯލްޑިވްސްގައި ބައިވެރިވެފައި ވަނީ 2017 ވަނަ އަހަރު ސްޕޯޓްސް ޕިޒިކް ކެޓަގަރީންނެވެ. އެއަށް ފަހު އަޒްނީން ދެކެމުން އައި ހުވަފެނަކީ މިސްޓާ މޯލްޑިވްސް ޗެމްޕިއަން ކަން ހާސިލް ކުރުމެވެ.

ވޭތުވެ ދިޔަ 9 އަހަރު ތެރޭ މި ހުވަފެން ހާސިލް ކުރުމަށް އޭނާ ވަނީ ގަދައަލާ މަސައްކަތް ކޮށްފައެވެ. ޑައެޓްކޮށް ބަރު އުފުލުމާއި ޓްރެއިނިންއަށް ވަގުތު ހުސްކޮށް މިކަމަށް އޭނާ އައީ ތައްޔާރުވަމުންނެވެ. 9 އަހަރުގެ ބުރަ މަސައްކަތަށް ފަހު ހުވަފެން ހަގީގަތަކަށް ވުމުން އަޒްނީން ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނި ގޮތުގައި މިސްޓާ މޯލްޑިވްސް ޓައިޓަލް ނަގާނެ ކަމަށް އޭނާ ވަނީ މީގެ 9 އަހަރު ކުރިން މަންމަ ކައިރީ ވައުދުވެފައެވެ.

ކޮންމެ މުބާރާތެއްގައި ބައިވެރިވި ކަމުގައި ވިޔަސް އަޒްނީންގެ ޓާގެޓަކީ އޭނާގެ ފަރާތުން 100 ޕަސެންޓް އިންޕުޓެއް ލައި އެންމެ ބެސްޓް ދެއްކުމެވެ. އެގޮތުން މިއަހަރު މިސްޓާ މޯލްޑިވްސްގައި ވެސް އޭނާ ބައިވެރިވީ އޭނާގެ އެންމެ ބެސްޓް ދެއްކުމަށެވެ.

މިސްޓަ މޯލްޑިވްސް ހާސިލް ކުރުމަށް ފަހު އަޒްނީން ދެ ދުވަސް ފަހުން މިސްޓާ ވޯލްޑް މުބާރާތަށް ދިއުމަށް ފުރަން ވަނީ ހަމަޖެހިފައެވެ. އޭނާގެ އުންމީދަކީ މިސްޓާ ވޯލްޑް މުބާރާތުން ވެސް ރަނގަޅު ނަތީޖާއެއް ހޯދުމެވެ. މިއީ އޭނާގެ ކެރިއާގައި ވަރަށް ބޮޑު އަދި މުހިއްމު އަހަރެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.

ބޮޑީބިލްޑިން ދާއިރާއިން ގައުމީ މުބާރާތްތަކުގެ އިތުރުން އަޒްނީން އަކީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް ބައިވެރިވެ ރާއްޖެ ފަހުރުވެރިވާ ފަދަ ކާމިޔާބިތައް ހޯދަމުން އަންނަ ފަރާތެކެވެ. އެގޮތުން އޭޝިއަން ޗެމްޕިއަންޝިޕްގައި އެންމެ ފުރަތަމަ ރަން މެޑަލް ހޯދީ ރާއްޖޭގައި 2022 ގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައެވެ. އެ ފަހަރުގެ ކާމިޔާބާ އެކު އޭނާ ވަނީ އަމިއްލަ ފަސްގަނޑުގައި ބޭއްވި އޭޝިއާ ބައްރުގެ މުބާރާތަކުން ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓްގެ ޝަރަފު ހޯދާފައެވެ.ެ