ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލޯނުތައް ދޫކުރަމުންދަނީ ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން މިފަދައިން ބުނެފައިވަނީ ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބީއެމްއެލްއިން ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް ދޮގުކޮށް ނެރުނު ބަޔާނެއްގައެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކް ހިންގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓްރެޓެޖީގެ މައްޗަށް އަދި ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާއި އެއްގޮތަށް ބޯޑުން ނިންމާ ނިންމުމާއި ދޭ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށެވެ. އަދި ބޭންކުން ދޫކުރާ ލޯނުތަކަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށެވެ.
އެގޮތުން ލޯނު ދޫކުރުމުގައި ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި ސިންގަލް ބޮރޯވާ އެކްސްޕޯޝާ އަދި ގްރޫޕް ބްރޯވާ އެކްސްޕޯޝާއަށް ވެސް ބަލާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި ލޯނު ދޭނީ އަންޑާ ރައިޓިން އުސޫލާ އެއްގޮތަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދުމުގެ ފުރުސަތު އެ ފަރާތްތަކަށް އޮންނަންވާނެކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީޓަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ ކަމަށެވެ.
އެކި ދާއިރާތަކަށް ލޯނު ދޫކުރެވޭނެ މިންގަނޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ކަމަށާއި އެ މިންގަނޑުގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް އިންވެސްޓް ކުރެވޭނެ މިންވަރާއި ސަރުކާރުން ގެރަންޓީދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވިބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނޭ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނީ ބޭންކުގެ އުސޫލުތަކާއި ހަމަތައް އެކުލަވާލާފައިވާ ގޮތުން ވަކި ފުވައްޒަކަށް ލޯނާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރު ނޯންނަ ކަމަށާއި މިހާރުވެސް އަދި ކުރިއަށް ތާނގައިވެސް އެކަން ކުރިއަށްގެންދާނި ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ޕޮލިސީތަކާއި ބޭންކުގެ ހަމަތަކާއި އުސޫލުގެ ތެރެއިން ކަމަށެވެ.
އެގޮތުން މި އަހަރު 3 ވަންނަ ކުއާޓާ ނިމުނުއިރު ބީއެމްއެލްގެ ޖުމްލަ ލޯން ޕޯޓްފޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރާކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. އަދި މި އަހަރުތެރޭގައި އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނުދޫކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯނުތަކުގައި މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ހުރި ޖުމްލަ އަދަދުތައް:
- ޓޫރިޒަމް - 8.71 ބިލިއަން ރުފިޔާ
- އަމިއްލަ ފަރުދުންނަށް - 5.34 ބިލިއަން ރުފިޔާ
- އިމާރާތްކުރުމާއި ގެދޮރުވެރިކަމަށް - 5.09 ބިލިއަން ރުފިޔާ
- ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް - 2.40 ބިލިއަން ރުފިޔާ
- ވިޔަފާރިތަކަށް - 1.04 ބިލިއަން ރުފިޔާ
- އެހެނިހެން ދާއިރާތައް - 1.11 ބިލިއަން ރުފިޔާ
ބީއެމްއެލްއިން ބުނީ ބޭންކުން އަމަލުކުރަމުންދާނީ ބޭންކުގެ ޑިޕޮސިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމުކުރެވިފައިވާ ހަރުދަނާ ގަވާނަންސް އުސޫލުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
ބޭންކާ ގުޅޭ ގޮތުން އާންމުންނަށް ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް ބީއެލްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަމުގެ މައުލޫމާތު ރަނގަޅަށް ނުހޯދާ ބައެއް ފަރާތްތަކުން ވަކި މަގުސަދެއް ހާސިލުކުރުމަށްޓަކައި ބީއެމްއެލްގެ ކަސްޓަމަރުންނާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.
