ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.

ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެންބަރު 5 ވަނަ ދުވަހުގެ ރޭގަނޑު ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް ވެއެވެ.

އަދި ކޯސްޓްގާޑުން މިހާރު މަސައްކަތް ކުރަމުންދަނީ މި ދެ ބޯޓު މާލެ ގެނައުމަށް ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން އިނޮސެންޓް ޕެސެޖް (އެއް ގައުމުން އަނެއް ގައުމަށް ދާން ކަނޑުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ) އަދި ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް ރާއްޖެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ ނަމަ ހުއްދަ ނަގަން ޖެހެ އެވެ. އެފަދަ ހުއްދައެއް ނުނަގާ ނަމަ އެ އުޅަނދާކާމެދު ފިޔަވަޅު އަޅާނެއެވެ.

މީގެ ކުރިން ވެސް މިފަދައިން ހަރަކާތްތެރިވި އެކި ގައުމުތަކަށް ނިސްބަތްވާ ބޯޓުތައް ކޯސްޓްގާޑުން ހިފަހައްޓާ ތަހުގީގު ކޮށްފައި ވެއެވެ.