ހުޅުމާލޭ ފޭސް 3 ބިން ހިއްކާ ސަރަހައްދުން ނަގާ އުޅަނދުތައް އެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން 3 ސަރަހައްދެއް ކަނޑައަޅައިފިއެވެ.
ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުން އަލުން ފެށުމަށް، ބިންހިއްކަމުންގެންދާ ސަރަހައްދުގައި މަސައްކަތްތަކަސް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއިން ވަނީ އިއުލާނުކޮށްފައެވެ.
އެޗްޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ފަޅުތެރެ ބޭނުންކުރަމުންދިޔަ އުޅަނދުތައް ވަގުތީ ގޮތުން އެޅުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ސަފާރީ އެޅުމަށް ހާއްސަކޮށްފައިވަނީ ކ. ގުޅިފަޅާއި ކ. ކުޑަގިރި އަދި ކ. ތިލަފުށީގެ ފަޅުތެރެއިން ވަކި ސަރަހައްދެއް ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި ދޯނިފަހަރާއި އެހެނިހެން އުޅަނދުތައް އެޅުމަށް ހާއްސަކޮށްފައިވަނީ ކ. ގުޅިފަޅާއި ކ. ތިލަފުށި ފަޅުތެރެއިން ވަކި ސަރަހައްދެއް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
ހުޅުމާލެ ފޭސް 3 ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މާދަމާ ރޭ 12:00ގެ ކުރިން އެ ސަރަހައްދުން ނެގުމަށްފަހު، ބިން ހިއްކުމުގެ މަސައްކަތްތައް ނިމެންދެން އެ އުޅަނދުތައް އެޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދު ބޭނުންކުރުމަށް އެޗްޑީސީއިން ވަނީ އަންގާފައެވެ.
