އައްޑޫ ސިޓީ، ހިތަދޫ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސް މީހާއަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި ދައުވާކުރަނީ ޕޮލިސް ކޮންސްޓެބަލް ސ. ހިތަދޫ، ފުނަގެ، މުހައްމަދު ނައުފް ނަސީމް، (25)ގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވަނީ އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ވެއްދުން މަނާ ތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައި ވާތީ، އެ ރޭ އޭނާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިތުރަށް ފުލުހުން ބުނީ އެ މައްސަލާގައި އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށެވެ. އަދި ބަންދުގެ މުއްދަތު މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވުމުން އޭނާ ގެއަށް ދޫކޮށްލާފައިވާއިރު މި މައްސަލައާ ގުޅިގެން މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން އޭނާ ސަސްޕެންޑުކޮށްފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހު 13ގައެވެ.
