ހުޅުމާލެ 3 ގެ ބިން ހިއްކުން އަލުން ފަށަން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން އަލުން ފަށަން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނޮވެމްބަރު 6 ގެ 00:00 ގެ ކުރިން ނެގުމަށް އަންގާފައެވެ. އެޗްޑީސީގެ ބަޔާނުގައި ޗާޓެއް ހިމަނާފައިވާއިރު އެ ޗާޓުގައި ފާހަގަކޮށްފައިވާ ހިސާބުގައި ހުރި އުޅަނދުތައް ނެގުމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މިގޮތަށް ނެގޭ އުޅަނދުތައް މި ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދޭނެކަމަށާއި، މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި އެޗްޑީސީ އިން މިހާރު ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ފެނާއި، ނަރުދަމާ އާއި ކަރަންޓާ އަދި މަގު ހެދުމުގެ މަސައްކަތްވެސް ބަޔަކާ ހަވާލުކޮށްފައިވާކަށާއި، ގޯތި ލިބޭ ފަރާތްތަކަށް އިމާރާތް ޑިޒައިންކޮށް ވަގުތުން އިމާރާތްކުރުމުގެ ހުއްދަވެސް ދެމުން ގެންދާނެކަމަށް މީގެކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން ފުރަތަމަ ބައިގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވަ ސަރަހައްދުގެ 10 ހެކްޓަރު ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ.