ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގެ ބައިވެރިވުން އޮތްކަމުގެ ތުހުމަތުގައި 33 އަހަރު ފަހުން އިއްޔެ ކަސްޓަމްސް އިން ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒަށް ކުރާ ތުހުމަތުތައް އޭނާ ދޮގު ކުރައްވައިފި އެވެ.

އެ މައްސަލައާއި ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން އިއްޔެ ވަނީ މަގާމުން ވަކި ކުރައްވައިފައެވެ. އެއީ, އަބްދުﷲ ވަހީދާއި މަހްމޫދު ރިޔާޒެވެ. މި ދެ ބޭފުޅުންވެސް ވަނީ 32 އަހަރަށް ވުރެ ގިނަ ދުވަހު ކަސްޓަމްސްއަށް ހިދުމަތްކުރައްވާފައިވާއެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ވަޒީފާއިން ވަކި ކުރެއްވި ރިޔާޒު، ކަސްޓަމްސްގެ ކޮމިއުނިޓީ ގުރޫޕަށް ފޮނުއްވި މެސެޖެެއްގައި ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.

މާތްﷲ ގަންދީ ހުވާކުރަން އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން
ރިޔާޒު

އޭނާ ވިދާޅުވީ އެފަދަ ދަނޑިވަޅެއްގައި ޝައްކުތަކެއް އުފެދިދާނެ ކަމަށާއި އެކަމަކު ވެސް އޭނާގެ ނަޒާހާތްތެރި ކަމަށް އިތުބާރު ކުރުމަށް އެދޭ ކަމަށެވެ. "އަޅުގަނޑު އަބަދުވެސް ދެމިހުރީ އަޅުގަނޑު ގަބޫލުކުރާ ހަމަތަކާ އެއްގޮތަށް. އަދި ދެމި ހުންނާނީ ވެސް އެގޮތުގައި." ރިޔާޒުގެ މެސެޖުގައި ވެއެވެ.

މިފަދަ ތުހުމަތެއްގައި ރިޔާޒް ވަކި ކުރެއްވިއިރު ކަސްޓަމްސްގައި މަސައްކަތްކުރާ ގިނަ ބަޔަކާއި ކުރީގެ އިސްވެރިން ވެސް ދަނީ ރިޔާޒް ދިފާއު ކުރައްވާ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ކުރީގެ ސަރުކާރުގެ ކަަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްއަކަށް ހުންނެވި އަބްދުﷲ ޝަރީފް ވަނީ ރިޔާޒު ވަކިކުރި، ވަކި ކުރުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ވިދާޅުވެ ޝަރީފް ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ނިންމެވުން ރަނގަޅަށް ބެއްލެވުމަށް އެދިވަޑައިގެންފައެވެ.

https://www.facebook.com/photo.php?fbid=10163420435576885&set=a.10151504966896885&type=3&ref=embed_post

ރައީސް އިއްޔެ ވިދާޅުވީ ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކޮށްފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައިގެ އިތުރުން ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

މި މައްސަލަތައް ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ރައީސްއަށް ފޮނުވި ސިޓީގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކުރައްވާ ކަސްޓަމްސް ގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ތިއްބެވި 2 ބޭފުޅަކު މާގަމުން ވަކިކުރީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން ކަސްޓަމްސްގެ އިތުރު 3 މުވައްޒަފަކާއި ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަމަލުކުރަމުންގެންދާ އުސޫލުތަކާ އެއްގޮތްތައް ބައްލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް އަންގަވާފައިވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހޯކްސް ކުންފުނީގެ ބޯޓެއް ކަމަށްވާ 'އެމްޓީ ހޯކްސް ޖަވާހިރު'ގައި ގަވާއިދާ ހިލާފަށް ސިނގިރޭޓު އެތެރެކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅުގައެވެ. މި މައްސަލައާ ގުޅިގެން އެ ބޯޓާއި ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓުޔާޑު ބަލައި ފާސްކޮށް، ގާތްގަނޑަކަށް 1.7 މިލިއަން ސިނގިރޭޓު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

އެ ސިނގިރޭޓުތައް ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސްއެއްގައި ބަހައްޓާފައި ހުއްޓައި، ގަވާއިދާ ހިލާފަށް (ޑިއުޓީ ދެއްކުމަކާ ނުލައި) ބޮންޑެޑް ވެއާހައުސްއިން ނެރެފައެވެ. އެ ސިނގިރޭޓުތައް ވެއާހައުސްއިން ނެރެފައިވާކަން ކަސްޓަމްސްގެ އެއްވެސް ރެކޯޑުން ފެންނަން ނެތް ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.