ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބެއްލެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަޑައިގަންނަވާނެއެވެ. އަދި މާލެ އަތޮޅުން ވަޑައިގަންނަވާނީ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް ޑރ. މުއިއްޒު އެންމެ ފަހުން ވަޑައިގަތީ ލ. އަތޮޅުގެ 11 ރަށަށެވެ.
