އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ފެނޭތޯ ބެލުމަށް، ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ހުޅުދޫ އަދި މީދޫ އިން ސިޓީ އިން ވަކިވެ ރަށު ކައުންސިލު ހެދުމަށް ނިންމުމާއި ގުޅިގެން އެ ދެ ރަށުގައި އުފާފާޅުކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.
'ދަ ޕްރެސް'އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިއީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދާއި މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން ގުޅިގެން ބާއްވާ ހާއްސަ ހަރަކާތެކެވެ. މިރޭ 20:00 ގައި ހަވާ އެރުވަން ނިންމާފައިވަނީ ހުޅުމީދޫގެ މެދު ބަނދަރު ސަރަހައްދުގައެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް މީދޫން 847 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް 144 މީހަކު ވޯޓުދިނެވެ. އަދި، ހުޅުދޫގައި ވަކި ކައުންސިލެއް ހަދަން 623 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް ވޯޓުދިނީ 329 މީހުންނެވެ.
އިއްޔެ ބޭއްވި އިންތިހާބު ފޭދޫ އިން ވަކި ކައުންސިލެއް ހަދަން ނުފެންނަކަމަށް ނިންމާފައިވާއިރު، ފޭދޫން ނުފެންނަ ކަމަށް 1،784 މީހަކު ވޯޓުދިނެވެ. އަދި ފެންނަކަމަށް ވޯޓު ދިނީ 616 މީހަކެވެ. އިއްޔެ ބޭއްވި އިންތިހާބަށް ރައްޔިތުންގެ ފަރާތުން ލިބުނު ތަރިހީބު ކުޑައިރު އިންތިހާބުގައި ވޯޓުލީ ޖުމުލަ 4493 މީހުންނެވެ. އެއީ ވޯޓުލެވޭ އާބާދީގެ 47 ޕަސެންޓެވެ.
