އައްޑޫ ސިޓީގެ ތިން އަވަށެއްގައި މިއަދު ކުރިއަށް ދިޔަ ފެންނަ ނުފެންނަ ވޯޓުގައި، ފޭދޫ ރައްޔިތުން ސިޓީއިން ވަކިވާން ބޭނުން ނޫންކަމަށް ބުނެފިއެވެ.

މިއަދު ކުރިއަށް ދިޔަ ވޯޓުގައި 4368 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާއިރު ފޭދޫއަށް ހާއްސަކޮށްގެން ބެހެއްޓި 8 ވޯޓު ފޮށީގެ ވަގުތީ ނަތީޖާވެސް މިހާރު ވަނީ ލިބިފައެވެ. އެގޮތުން ވަކި ކައުންސިލެއް އުފައްދަން ފެންނަކަމަށް 615 މީހަކު ވޯޓު ދިންއިރު، 1782 މީހުން ވަނީ ވަކި ކައުންސިލެއް އުފައްދަން ނުފެންނަކަމަށް ވޯޓު ދީފައެވެ. އަދި ބާތިލު 24 ވޯޓު ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ގުނުމުގެ މަސައްކަތް ނިންމާ، މިރޭ 21:00 ގައި ވަގުތީ ނަތީޖާ އިއުލާންކުރުމަށް ކަމަށެވެ.

މި ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ފޭދޫ، ހުޅުދޫ، މީދޫ އަދި މާލޭގައި ޖުމުލަ 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެހެންނަމަވެސް އެހެން އިންތިހާބު ތަކާއި އަޅާ ބަލާއިރު މި ވޯޓުގެ ތަރުހީބު ކުޑަކަން ފާހަގަކޮށްލެވެއެވެ.