ބ. ތުޅާދޫ މަސްޖިދުއްރަހުމާނު މިސްކިތުގައި ގަބުރުކަށި ހުރިތޯ ބެލުމަށް، އަދި މި ކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށާއި ސުވާލުތަކަށް ޖަވާބުދިނުމަށް އިސްލާމިކް މިނިސްޓްރީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް އެރަށު ކައުންސިލުން ބުނުމުން އެކަމަށް ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި އިސްލާމީ މަރުކަޒުގެ އިމާމުގެ ގޮތުގައި އައްޔަން ކުރައްވައިފައިވާ ޝެއިޚް އިބާރްހިމް ރަޝީދު ހަަސަން ރައްދުދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިބްރާހިމް ރަޝީދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ފޮނުއްވި ވަފުދުގައި، މިނިސްޓްރީގެ ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި ކަމަށާއި، މި ދަތުރުގައި، ރައްޔިތުންގެ މެދުގައި ދީނީގޮތުން ހިޔާލު ތަފާތުވުން އުފެދިފައިވާ ބައެއް ކަންކަމާ ބެހޭގޮތުން ހުރި ސުވާލުތަކަށް ޖަވާބުދީ ދީނީ ދަރުސެއްވެސް ދެއްވިކަމަށެވެ.
މަސްޖިދުއްރަހްމާން އަލުން ބޭނުންކުރަން ފެށޭނެ ތާރީހަކާމެދު އެ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިދިޔަ ބުދަ ދުވަހު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިކަމަށް އެރަށު ކައުންސިލުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިނިސްޓްރީން ވަފުދުތައް ވެސް އެ ރަށަށް ޒިޔާރާތް ކުރިކަމަށާއި، ނަމަވެސް ރަށުގެ ކައުންސިލުން ދަނީ މިކަމަށް ބޮޑެތި ހުރަސްތައް ކުރިމަތި ކުރަމުން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މި ވާހަކަތަކާ ގުޅިގެން ތުޅާދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓަރު ޝަހީމް ހައްދަވާފައި ވަނީ އިތުރުފުޅެއް ކަމަށާއި، ގަބުރުކަށި ފެނުނު ތަން ސާފުކުރަން މިނިސްޓްރީން ފައިސާގެ އެހީތެރިކަން ދޭނެކަމަށް ބުނި ނަމަވެސް އެކަންވެސް ނުކުރާ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ދީނީ ހިޔާލުތަފާތުވުން ހުރި ކަންކަން އޮޅުންފިލުވައި ދޭން އެއްވެސް އިލްމުވެރިއެއް ވަޑައިގެންކަން ކައުންސިލަށް އެނގިފައި ނުވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ މި މައްސަލައިގައި ދީނިީގޮތުން ކަން އޮތްގޮތް ބަޔާން ކޮށްދިނުމަށް މިނިސްޓްރީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ދޭހަވާ ފަދަ ގޮތަކަށް ތުޅާދޫ ކައުންސިލުން ބަޔާން ނެރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށާއި، މިއީ ދީނީ ކަމަކަށް ވުމާއެކު މިފަދަ ކަންކަމުގައި ރައްޔިތުންނަށް އޮޅުން ނާރާނޭފަދަ ގޮތަކަށް އަމަލުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މި މިސްކިތުން ގަބުރުކަށި ފެނިގެން އެ މިސްކިތް ބަންދުކޮށްފައި ހުންނަތާ މިހާރު ވަރަށް ގިނަ ދުވަސްވެފައި ވާއިރު މިނިސްޓަރު ޝަހީމް ވަނީ އީސް ޑރ. މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން، ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށް އެ ތަން ސާފުކޮށް މިސްކިތް ހުޅުވަން މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.
