ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ރަފިގުލް އިސްލާމްއެވެ.

ފުލުހުން ބުނީ ރަފިފުލް އިސްލާމް ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ކަމަށް އިއްޔެ ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ. އަދި އޭނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހާ/ ފޮޓޯ: ފުލުހުން

ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 68،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1،700 އަށްވުރެ ގިނަ ޔޫއެސްޑޮރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.