ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން ނިންމާފައިވީ ނަމަވެސް ޖަލްސާ އޮންނާނެ ގަޑިއާއި އެޖެންޑާ އަދިވެސް ހިއްސާކޮށްފައި ނުވާކަމަށް މަޖިލީހުގެ ބައެއް މެންބަރުން ހާމަކޮށްފިއެވެ.

އިއްޔެ މަޖިލީހުގެ އިދާރާއިން ވަނީ މިއަދު ދައުރުން ބޭރު ހާއްސަ ޖަލްސާއެއް ބާއްވާނެކަން އިއުލާން ކޮށްފައެވެ.

އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރި ގޮތަށް މިއަދު އޮންނަ ދައުރުން ބޭރު ޖަލްސާގައި 'މީޑިއާ ރެގިއުލޭޓު ކުރުމުގެ ބިލު' ފާސްކުރާނެ ކަމަށް ސަރުކާރުގެ މެންބަރުން ވިދާޅުވެފައި ވާއިރު މިބިލާ ގުޅިގެން، ބިލް ބޭރުކުރަން ގޮވާލައި ނޫސްވެރިންނާއި އަދި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ހިމެނޭހެން އެކި ތަންތާގައި އިހުތިޖާޖު ކޮށްފައި ވެއެވެ. މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނާއި މީޑިއާ ކައުންސިލް، އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވެސް މި ބިލާ މެދު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު މި ބިލު ބޭރު ކުރުމަށް ގޮވާލައި ބައެއް ނޫސްވެރިން އަންނަނީ މިހާރުވެސް އިހުތިޖާޖު ކުރަމުންނެވެ.

މަޖިލީހުގެ ރަސްމީ ޖަލްސާތައް އާއްމުކޮށް ފަށަނީ ހެނދުނު 9:00 ގައި ނަމަވެސް ދައުރުން ބޭރު ޖަލްސާތައް އެކި ގަޑިތަކުގައި ބާއްވާކަން ފާހަގަ ކޮށްލެވެއެވެ. އަދި އާންމު އުސޫލުން، މީގެ ކުރިން ކޮންމެ ރެއަކު ވެސް އަނެއް ދުވަހު އޮންނަ ޖަލްސާގެ އެޖެންޑާ އާންމު ކުރާކަން ފާހަގަ ކޮށްލެވެއެވެ.