މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިއަދަށް ތާވަލު ކުރި ކޮމިޓީ ބައްދަލުވުމުން ނޫސްވެރިން ނެރެން ޖެހުނީ ސިއްރު ބައްދަލުވުމަކަށް ގަވާއިދާ ހިލާފަށް ވަދެ އަޑުގަދަކުރުމުން ކަމަށް މަޖިލީހުން ބުނެފިއެވެ.
މަޖިލީހުން ބުނީ މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2025 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން ކުރިއަށް ގެންދެވުނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށާއި، ސިއްރު ބައްދަލުވުމެއްގައި ކޮމިޓީގެ މެންބަރުންނާއި ސެކްރެޓޭރިއެޓް ފިޔަވައި އިތުރުބަޔަކަށް ނުތިބެވޭނެ ކަމަށެވެ.
ނަމަވެސް 3 ނޫސްވެރިއަކު ކޮމިޓީކުރާ ކޮޓަރިއަަށް ވަދެފައި ވަނީ މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަން އިންޓާނަލް ސެކިއުރިޓީއިން އަންގާފައިވަނިކޮށް ގަދަކަމުންކަމަށާއި، މި ނޫސްވެރިން ނެރެން ޖެހުނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ވަދެ އަޑުގަދަކޮށް ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުުމުން ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި ބިލު ދިރާސާ ކުރުމަށް ބޭއްވި މިއަދުގެ މިނިވަން މުއައްސަަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައި ވަނީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޓީ ސިއްރު ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްއެވެ.
މި ބިލުގެ ކޮމިޓީ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހަށް ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ވަނީ ނިންމާފައެވެ. މި ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައީސް އޮފީހަށް ނޫސްވެރިން ޕެޓިޝަނެއް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. އެ ޕެޓިޝަނުގައި 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފައެވެ.
