ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މަޖިލީހަށް ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންނަށް ނޯޓިސް ދިނުމުން މާލީ ބަޔާން ހުށަހަޅައިފިއެވެ.

މާލީ ބަޔާން ހުށަހަޅަން ޖެހޭ ސުންގަޑި ހަމަވެފައި ވަނީ ހުސްވި މަހުގެ ނިޔަަލަށެވެ. އެ މުއްދަތު ހަމަވިއިރު ވެސް މާލީ ބަޔާން ހުށަނާޅުއްވާ 5 މެންބަރުން ތިއްބެވިއިރު އެ މެންބަރުންނަށް މަޖިލީހުން ވަނީ 15 ދުވަހުގެ ތެރޭގައި އެ ބަޔާން ހުށަހެޅުމަށް ނޯޓިހެއް ދީފައެވެ.

އެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

  • ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު (ޕީއެންސީ)
  • ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް (ޕީއެންސީ)
  • މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް (ޕީއެންސީ)
  • މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
  • މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު (ޕީއެންސީ)

މި ފަސް މެންބަރުންގެ ވެސް މާޅީ ބަޔާން މިހާރު ހުށަހަޅާފައިވާއިރު މަޖިލީހުގެ ވެބްސައިޓުން ވެސް އެ މައުލޫމާތު ފެންނަން އެބަހުއްޓެވެ.

މަޖިލީހުގެ ގަވާއިދަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް، ހަމަޖެއްސީ އެއް އަހަރު ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށެވެ. އަދި ނިންމީ ބަޔާން ހުށަހަޅަން ޖެހޭނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު 31، ގެ ނިޔަލަށެވެ.

މަޖިލިސް ގަވާއިދުގެ 77 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ، ގަވާއިދުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް 15 ދުވަސް ތެރޭގައި މާލީ ބަޔާން ހުށަހަޅަން އަންގައި މަޖިލީހުގެ އަމީންއާންމު ނޯޓިހެއް ދޭން ޖެހޭނެ ކަމަށެވެ.

އެ މުއްދަތުގައި ވެސް އެކަން ނުކޮށްފި ނަމަ ދެން އަޅަން އޮންނަ ފިޔަވަޅަކީ ދެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާގައި މާލީ ބަޔާން ހުށަނަޅާނާ މެންބަރުގެ ނަން އިއްވައި މަޖިލީހުން ނެރެން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ. އަދި އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާތަކުގަ އާއި ކޮމިޓީތަކުގައި ބައިވެރިވެވޭނީ މާލީ ބަޔާން މަޖިލީހަށް ހުށަހެޅުމަށްފަހު އެވެ.

އަދި ހަމަ އެހެންމެ އެ މެންބަރަކު މާލީ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ޖެހޭ އަދަދު ކެނޑެމުންދާނެ ކަމަށް މަޖިލިސް ގަވާއިދުގައި ވެއެވެ.