މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް މިއަދަށް ތާވަލު ކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މަޖިލީސް ޗުއްޓީގައި ވަނިކޮށް، މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބިލުގެ ދިރާސާ ކުރުމަށް ތާވަލުކޮށް މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުން ސިއްރުކޮށްފައިވާއިރު ކޮމިޓީގެ ބައްދަލުވުން ފެށުމާއި އެކު، ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. މި ބިލަށް ހިޔާލު ފޮނުވި މީހުންގެ ޒާތީ މައުލޫމާތު ހިމެނޭކަމަށް ވިދާޅުވެ ބައްދަލުވުން ސިއްރުކޮށްފައިވާއިރު މި ބިލާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މަސައްކަތް ކުރުމަށް ދައުރުން ބޭރުގައި މިހާރުވެސް މަޖިލީހުގެ އެއް ޖަލްސާ ބާއްވާފައިވާއިރު، އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް މެންބަރުން ވަނީ ހާމަކޮށްފައެވެ.
މި ބިލާއި ގުޅިގެން ނޫސްވެރިން ކަންބޮޑުވުންފާޅުކުރަމުން އަންނައިރު ބިލް ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް އެއިރެއްގައި އޮންނަ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށެވެ. އަދި ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސްއެޅި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ގިނަ މާއްދާތަކެއް ހިމަނަފާއިވެއެވެ.
މި ބިލާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށާއި، އެއީ އެއްވެސް އިރެއްގައި ކުރެއްވި، އަދި ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.