ބޮކްސާގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކޮށްފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ސާބިތުވާ މިންވަރުގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާއިރު ކްރިމިނަލް ކޯޓުގެ އަމުރުގައިވަނީ ކަސްޓަމަސްގެ ލިޔުންތަކާ، ސީނަށް ދިޔަ ފުލުހުންގެ ބަޔާނަށް ބަލައި އޭނާ ރާއްޖެ އައިއިރު ލައިގެން ހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަން ފާހަގަކޮށްފައެވެ.
އެ މައްސަލައާއި ގުޅިގެން ފެނިފައިވާ ތަކެތީގެ ބަރުދަނުގައި 250 ގްރާމް މެފެޑްރޯން ހުރިކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވާއިރު 30 ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.