މާލޭގައި ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. މޯނިންވިޔު އުމުރުން 30 އަހަރުގެ އަހްމަދު ނަވާޒް އަދި އެގޭ އުމުރުން 22 އަހަރުގެ އިބްރާހިމް ޒައިދާންގެ އިތުރުން ލ. މާބައިދޫ އުމުރުން 22 އަހަރުގެ މުހައްމަދު ޝިދާދް އެވެ.

ނަވާޒް 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެފައި ވާއިރު، ޒައިދާން އަދި ޝިދާދްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ނެރެފައެވެ.

ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މި 3 މީހުން ބަންދު ކުރުމަށް ކޯޓުން ނެރެފައިވާ އަމުރުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ހެކީގެ ގޮތުގައި ހާދިސާ ރިޕޯޓް، އިންޓެލިޖެންސް ރިޕޯޓް، ސީން ފޮޓޯ އަދި ފެނުނު 2 ވަޅީގެ ފޮޓޯ ހުށަހަޅާފައި ވެއެވެ.

މި މައްސަލައިގައި ފެނުނު 2 ވަޅި އޮތީ ހާމައަށް ލޮލަށް ފެންނަން ނޫން ކަމަށް އެ 3 މީހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ހުށަހަޅާފައިވާ ފޮޓޯތަކުން އެކަން އެގޮތަށް އޮތްކަމަށް ބެލެވެން ނެތް ކަމަށަ ކޯޓު އަމުރުގައި ފާހަގަ ކޮށްފައިވެއެވެ.