ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޕާޓީ އިލެކްޝަން ކޮމިޝަނުން މިއަދު އުވާލައިފިއެވެ.

މީގެ ކުރިން އެކި ފަހަރު މަތިން އުވާލުމަށް ނިންމާފައިވާ އެމްޓީޑީއަށް މެންބަރުން ހަމަ ކުރުމަށް އީސީން އެންމެ ފަހު ފުރުސަތު ދީފައި ވަނީ ހުސްވި އޮގަސްޓު މަހުއެވެ. އަދި އެ ޕާޓީ އުވާލަން ނިންމާ މިދިޔަ މަހު އިސީން ކުރި އިއުލާނެއްގައި ވަނީ އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އެ ކޮމިޝަނަށް އެންގުމަށް އެ މަހުގެ ނިޔަލަށް މުހުލަތެއް ދީފައެވެ.

އެކަމަކު އީސީން މިއަދު ބުނީ، ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުކުރެވުމުގެ ސަބަބުން މިއަދުން ފެށިގެން އެމްޓީޑީ އުވާލައި އެ ޕާޓީ، ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.

ގާނޫނުގައި ބުނާ އަދަދަށް އެމްޓީޑީގައި މެންބަރުން ހަމަނުވާ ކަމަށް ބުނެ އީސީން ވަނީ 2022 ވަނަ އަހަރު ވެސް އެ ޕާޓީ އުވާލުމަށް ނިންމާފައެވެ. އެކަމަކު މެންބަރުން ހަމަކުރަން ދިން މުހުލަތުގައި އެ ޕާޓީއަށް ވަނީ މީހުން ހަމަކޮށްފައެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ރަޖިސްޓްރީ ކުރި އެމްޓީޑީގައި މިއަހަރުގެ ޖޫން 30ގެ ނިޔަލަށް ތިބީ 2272 މެންބަރުންނެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކޮށްދެނީ 3،000 މެންބަރުން ހަމަވެގެންނެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެމްބަރުން ތިބިގެން ކަމަށްވާއިރު މެންބަރުން ހަމަ ނުވެގެން ދާދި ފަހުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައެވެ.

އަދި ހަމަ އެހެންމެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ވެސް އުވާލާފައެވެ. އެ ޕާޓީ އުވާލާފައިވަނީ ޕީޕީއެމްގެ ސެނެޓުން ފާސްކޮށް އީސީއަށް ހުށަހެޅުމުންނެވެ.