މީޑިއާ ކޮމިޝަން ބިލާއި ގުޅިގެން މީޑިއާތަކާއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމަށް ރެޖިސްޓާ ކުރަން ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލިސް އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާ ކުރަމުން ގެންދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅޭގޮތުން، ރާއްޖޭގައި ރަޖިސްޓާ ކޮށްފައިވާ މީޑިއާތަކާ އެކު މަޝްވަރާކުރެއްވުމަށްޓަކައި 1 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި މަޖިލީހުގެ އިދާރާގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް އެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކޮންމެ މީޑިއާއަކުން ގިނަވެގެން 1 ބޭފުޅަކަށް ކަމަށެވެ. އަދި މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމް 31 އޮގަސްޓު ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ފުރުމަށްްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމާ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމާއި ގުޅިގެން ނޫސްވެރިން ވަނީ އިއްޔެ އާއި މިއަދުވެސް އިހުތިޖާޖުކޮށްފައެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް ގިނަ ބައެއްގެ ނުރުހުން ސަރުކާރާއި، ޕީއެންސީއަށް ނިސްބަތްވާ މަޖިލީސް މެންބަރުންނަށް އަމާޒުވަމުން އަންނައިރު، މި ބިލުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

މިކަމާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި މީޑިއާ ކޮމިޝަން ބިލު ބޭރު ކުރަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދް އުޝާމް ވަނީ ވިދާޅުވެފައެވެ. އުޝާމް ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މީޑިއާ ކައުންސިލް އިން ފޮނުވި ޑްރާފްޓް ބިލްއެއް ދައްކަވާފައެވެ.

މިކަމާ ހިންހަމަ ނުޖެހި ގިނަ ނޫސްވެރިން ވަނީ އެ ބިލު އެއްވެސް ނޫސްވެރިއަކަށް ފެނިފައިވެސް ނުވާކަމަށާއި، އޭރު މީޑިއާ ކައުންސިލުން ފޮނުވި ބިލެއް މިވަގުތު ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ޕްރެސް ކޮންފެރެންސް ދޫކޮށް ގޮސްފައެވެ.