މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައި ވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.
އިއްޔެ ހިންގި އެ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް (23އ) އެވެ. މި އޮޕަރޭޝަނުގައި ދެ ސައިކަލާއި އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވެއެވެ.
އަދި ބަލައިފާސްކުރިއިރު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ އިތުރުން އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ފެނިފައިވާއިރު މި މައްސަލައާ ގުޅިގެން ބަލައިފާސްކުރި ދެ ސައިކަލް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާއިރު މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.