ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްތަކައް ދަތުރުފުޅުކުރައްވާއިރު މަރުހަބާ ދެންނެވުމަށްޓަކައި އެރަށުގައި ތިއްބަވާ ފަނޑިޔާރުންނަށް ނިކުމެވޭނެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފިއެވެ.
ރައީސް މުއިއްޒު ރާއްޖޭގެ އެކި ރަށްރަށަށް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެ ރަށެއްގެ ކޯޓުތަކާއި ހުރިހާ އިދާރާއެއްގެ ވެރިންނާ ބައްދަލުކުރައްވާ ރަށުގެ އެކިއެކި ތަރައްގީގެ މަޝްރޫއުތަކާއި އެހެނިހެން ކަންކަން ދަނީ މަޝްވަރާ ކުރައްވަމުނެވެ.
ޖޭއެސްސީން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ވަނީ ރައީސަށް މަރުހަބާ ދެންނެވުމަށް ބައިވެރިވުމާއި މުއައްސަސާތަކުގެ ވެރިންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގައި ފަނޑިޔާރުން އަދި މުވައްޒަފުން ބައިވެރިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ޖޭއެސްސީގެ މި ބައްދަލުވުމުގައި ނިންމާފައިވަނީ ރައީސަށް މަރުހަބާ ދަންނަވަން ފަނޑިޔާރުން ނިކުމެވަޑައިގަތުމަކީ ރަނގަޅު ކަމެއްކަމަށާއި، ނަމަވެސް މިފަދައިން ނިކުމެވަޑައިގަންނަވާނަމަ ފަނޑިޔާރުންގެ ސުލޫކީ ހަމަތައް ހިފަހައްޓަން ޖެހޭނެ ކަމަށް ކަނޑައަޅާފައެވެ.
ފާހަގަކުރެވޭ ގޮތުގައި މިއަދު ރައީސް ވަނީ އެމަނިކުފާނު ހދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފައެވެ. ރައީސްގެ މި ދަތުރުފުޅުތަކަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލު ކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެ މަނިކުފާނު ކުރައްވާ ދަތުރުފުޅުތަކެކެވެ.