އައްޑޫ ސިޓީގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއްގެ ގޮތިގައި ތަރައްގީކުރަން ނިންމި ހަންކެޑެ މަޝްރޫއު ހުއްޓާލުމުން ބޮޑު ބަދަލެއް ދޭން ޖެހިދާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއާ ގުޅޭ ގޮތުން ފައްޔާޒު ވިދާޅުވީ ހަންކެޑޭގައި ފަށަން ނިންމާފައިވާ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓުގެ މަޝްރޫއު ހުއްޓާލަން ނިންމާފައިވާތީ ހިތާމަ ކުރައްވާ ކަމަށެވެ.
މި މަޝްރޫއު ހުއްޓަން ޖެހުނީ ސަރުކާރުގެ ސިޔާސަތުތަކުގައި ހަރުދަނާ ކަމެއް ނެތުމުން ކަމަށް ފައްޔާޒު ވިދާޅުވެފައެވެ. އަދި އެއީ އިގުތިސާދީ މިނިވަންކަން ހޯދަން އައްޑޫއިން ކުރާ މަސައްކަތަށް ގެއްލުނު އަގުހުރި ވަގުތުތަކެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އެކަމުގެ ސަބަބުން ސަރުކާރުން ބޮޑު ބަދަލެއް ދައްކަން ޖެހިދާނެ ކަމަށެވެ.
މި ސަރުކާރުން ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާއެރުވުމާއެކު ބޮޑު ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މިހާރު ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ 6 ސަރަހައްދުގެ ތެރޭގައި ހަންކެޑެވަނީ ހިމަނާފައެވެ. އެހެން ނަމަވެސް މިހާތަނަށް މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.