އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލަ އާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އަބްދުއްރައްހްމާނަށް އަނިޔާދީ މަރާލާފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އޭނާނިދާފައި އޮތްވާ ދިން އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. މި މަރަށް މަސް ދުވަހަކަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް ފުރަތަމަ ފަހަރަށް ހައްޔަރު ކޮށްފައި ވަނީ އިއްޔެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެ ރަށަށް ނިސްބަތްވާ ތިން ޒުވާނުންނެވެ.
އެއީ އަހުމަދު ފާރިސް، 27 އަހަރު (ފިނިވާގެ، މާޅޮސް)، އަހުމަދު އާޝިދު، 27 އަހަރު (ފިޔަ، މާޅޮސް)ގެ އިތުރުން މުހައްމަދު ވިޝާމް، 22 އަހަރު (ލިލީފެހި، މާޅޮސް) އެވެ. މި ތިން މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ވިޝާމް އާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެކަމަކު އާޝިދުގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ.
ގިނަ އަދި ބޮޑެތި ޒަހަމްތަކަކާއެކު އަބްދުއްރަހްމާން މަރާލާފައި އޮތްވާ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާއަށެވެ. ދެމަފިރިން އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވާއިރު، ފިރިމީހާ އަށް ހަމަލަދީފައިވާކަން ނާޒިމާ އަށް އެނގުނީ އޭނާ ފާހާނާއަށް ވަނުމަށް އަބްދުއްރަހްމާން ނިދާފައި އޮތް ކޮޓަރިއަށް ވަނުމުން ކަމަށް ވެއެވެ.
މިހާ ރަހުމް ކުޑަކޮށް އަބްދުއްރަހްމާން މަރާލާފައި ވަނީ ސިހުރުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ރަށު ތެރޭގައި މީގެ ކުރިން ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް އެ އާއިލާއިން އެކަން ދޮގު ކުރެއެވެ. އެކަމަކު މި ތިން މީހުން ހައްޔަރު ކުރުމާއެކު އެ އަޑު ވަނީ ރަށު ތެރޭ ގަދަ ވެފައެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބައެއް މީހުން ބުނަމުންދަނީ މި ތިން މީހުންނަކީ ވެސް ވަރަށް އެކު އެކީ އުޅޭ ތިން މީހުން ކަމަށް ވުމުގެ އިތުރުން އަބްދުއްރަހްމާން ސިހުރު ހަދާ ކަމުގެ ތުހުމަތު ކުރެވުނު ދުވަސްވަރު ފާރިޝް ހިންގާ ފިހާރައެއްގެ ސީސީޓީވީން ފެންނަ މަންޒަރު ފެނުމެވެ.
އަދި މި އަމަލު ހިންގީ އޭގެ ބަދަލު ހިފުމެއްގެ ގޮތުން ކަމަށް ރަށު ތެރޭގައި އަޑު ފެތުރިފައި ވެއެވެ. މި ތިން މީހުންނަކީވެސް ކުށުގެ މާހައުލާ ދުރުގައި، ވަޒީފާގައި އުޅޭ ބައެއް ކަމަށްވުމުން، އެކަން ޔަގީންކުރަން އުނދަގޫވި ކަމަށް ރަށުގެ ބައެއް މީހުން ބުނެއެވެ. އުމުރުން 65 އަހަރު އަބްދުއްރަހްމާން އަކީ މަސްވެރިއެކެވެ. އޭނާގެ ތިން ކުދިން ތިބޭއިރު އޭގެ ތެރެއިން ރަށުގައި ދިރިއުޅޭ ހަމައެކަނި ދަރިފުޅު ވެސް އެ ދުވަސްވަރު ހުރީ މާލޭގަ އެވެ.