ކ. ކާށިދޫ އަދި އދ. ދިއްދޫ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު ކަމަށެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުالله އެވެ.

އެމްޓީސީސީ އިން ބުނީ ކާށިދޫ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމުގެ މަސައްކަތުގެ ދަށުން 9 އެނދު އެކުލެވޭ އިމާރާތެއް ބިނާކުރެވޭނެ ކަމަށެވެ. އަދި މޭޝަނަރީ މަސައްކަތްތަކާއ،ި ޓައިލްސް ޖެހުމާއ،ި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކާއ،ި ކަރަންޓު ވަޔަރު ކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމުގެ އިތުރުން އެއާ ކޮންޑިޝަން އަދި އަލިފާން ނިއްވާ ސިސްޓަމްތައް ހަރުކުރުންވެސް މި މަސައްކަތުގެ ދަށުން ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއަކީ 7 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.

އދ ދިއްދޫ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމުގެ މަސައްކަތުގެ ދަށުން 12 އެނދު އެކުލެވޭ އިމާރާތެއް ބިނާކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މެޑިކަލް ގޭސް ސިސްޓަމާއި އެއާ ކޮންޑިޝަންގެ އިތުރުން އަލިފާން ނިއްވާ ސިސްޓަމްތައް ހަރުކުރުން ހިމެނޭ ކަމަށެވެ. މި މަޝްރޫއަކީ 12 މިލިއަން ރުފިޔާއަށް 270 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުތަކުގެ މަސައްކަތް ނިމުމާއެކު އެރަށުން ލިބިގެންދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ މުޅި ރަށުގެ އާބާދީއަށް ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުން ސިއްހީ ފަރުވާއަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، އެކަމާ ގުޅިގެންކުރަން ޖެހޭ މާލީ ހަރަދުތައްވެސް ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.