ޒުވާނުން ބާރުވެރިކޮށް، ކެރިއާ ގައިޑެންސް ޕްރޮގުރާމުތައް ހިންގުމަށް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ (އެމްއައިޓީ) އާއެކު އެޗްޑީސީން، މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގް (އެމްއޯޔޫ)އެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރު އަހްމަދު މުހައްމަދު އެވެ. އަދި އެމްއައިޓީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކޮލެޖްގެ ޑިރެކްޓަރު އޮފް ޕްރޮގްރާމްސް، އާދަމް ހަލީމް އެވެ.
ެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، އަންހެނުންނާއި ޒުވާނުން، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމުގެ ޕްރޮގުރާމުތައް އެމްއައިޓީއާ ގުޅިގެން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އަލަށް ސްކޫލް ނިންމައި ނުކުންނަ ދަރިވަރުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުމަށް ކެރިއަރ ގައިޑެންސް ޕްރޮގުރާމުތައް ވެސް ހިންގުމަށް ހަމަޖެހިފައި ވެއެވެ.
އަދި ޒުވާނުންނާއި އަންހެނުންނަށް ހާއްސަކޮށް، ޑޮމެސްޓިކް އެޕްލައަންސް ސޭފްޓީ ޕްރޮގުރާމްތަކާއި، މޮޓޯ ސައިކްލް ރިޕެއާ އެންޑް މެއިންޓެނެންސް ޕްރޮގުރާމްތަކުގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން، ވީލްޗެއާ ރިޕެއާ އެންޑް މެއިންޓެނެންސް ޕްރޮގުރާމުތައްވެސް މި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ޒުވާނުންނަށް ހާއްސަކޮށް ކެރިއަރ ގައިޑެންސް ދިނުމަށް އެޗްޑީސީން އިސްނަގައިގެން މިފަދަ ޕްރޮގުރާމުތައް އަބަދުވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގައި ޒުވާނުން ބާރުވެރިކުރުވުމަކީ އެޗްޑީސީގެ އަމާޒު ކަމަށް ވެއެވެ.